ސިނަމާލެ ބުރިޖު ހައިވޭއިން ސައިކަލެއް ކަހާލައިގެން ހިނގި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ، ސިނަމާލެ ބުރިޖުން ފައިބައިގެން ހައިވޭގައި މާލެއިން ހުޅުމާލެއަށްދާ ފަޅީގައި ސައިކަލެއް ކަހާލައިގެން ފެންސުތަކުގައި ޖެހި ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް އިއްޔެ ހެނދުނު 6:40 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު އެމީހާ މަރުވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.
މ ހާދިސާގައި އަނިޔާވި ލަންކާއަށް ނިސްބަތްވާ ފިރިހެނަކަށެވެ.
ފުލުހުން ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.


