ބަރަކާތްތެރި އަޟްހާ ޢީދުގެ ތަހުނިޔާ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ނަރެންދުރަ މޯދީ ރާއްޖޭހެ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒުއަށް ބޮޑު ވަޒީރު މޯދީ ފޮނުއްވި މެސެޖުގައި ވަނީ ޢީދު ދުވަހުގެ ތަހުނިޔާ ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ފޮނުއްވާފައެވެ. އަދި މި ދުވަހުން ހަނދާން އައުކޮށްދެނީ އެންމެން އުންމީދުކުރާ ސުލްހަވެރި އަދި އެނމެހާ ފަރާތްތަކެއް ހިމެނޭ ދުނިޔެއެއް ބިނާކުރުމުގައި ބޭނުންތެރި، އެކުވެރިކަމާއި އެއްބައިވަންތަކަންކަމަށް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ޢީދަކީ އިންޑިއާގައި އޮންނަ މަލްޓިކަލްޗަރަލް ހެރިޓޭޖްގެ ތެރެއިން ފޯރިއާއި އުފާވެރިކަމާއެކު ފާހަގަކުރާ ދުވަހެއްކަމަށް ބޮޑުވަޒީރު މޯދީވަނީ ފާހަގަކުރައްވާފައެވެ.
ދާދިފަހުން ރާއްޖޭގެ ރައީސް ޑރ. މުއިއްޒުވަނީ ބޮޑު ވަޒީރު މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު މިޙާރު އޮތް ގުޅުން ވަރުގަދަ ކުރުމަށް ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.


