ކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ހިނގާ ބިނގާވެ އުޅެވޭ 60 އިސްރަށްވެހީންނަށް ބާއްވާ "އުފާވެރި ރާސްތާ" ޕްރޮގްރާމް ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ދުވަސްވީ މީހުންގެ ތެރެއިން މަރުކަޒުކުރެވިފައިވާ ފަރާތްތަކަށް އިޖުތިމާއީ ހަރަކާތްތަކާއި އެކު މައުލޫމާތު ފޯރުކޮށްދޭ ސެޝަންތަކެކެވެ.
ޖެންޑާ މިނިސްޓްރީން ކުރިއަށް ދިޔަ މި ޕްރޮގްރާމާ ގުލޭ ގޮތުން މައުލޫމާތު ދެމުން ބުނީ، މި ޕްރޮގްރާމްގައި މައުލޫމާތު ދޭނީ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފަންނީ ބޭފުޅުން ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މަގްސަދަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އެ މަރުކަޒުގައި ހިދުމަތް ހޯދާ މީހުން މުޖްތަމައުއަށް ނެރެން އަހުލުވެރި ކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބެން އެހީތެރިވެދިނުމެވެ.
މި ޕްރޮގްރާމްގައި މައުލޫމާތު ދީފައި ވަނީ ނަރުހުންނާއި ސޯޝަލް ވާކަރުންނެވެ. މިއަދު ކުރިއަށް ގެންދިޔަ ސެޝަންގައި މައުލޫމާތު ދީފައި ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުރެވޭނެ ކޮންމެ ދުވަހެއްގެ ކަސްރަތުތަކާއި، މިންހެޔޮ ކާނާއާއި ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް އަހަމިއްޔަތުކަން ދިނުން މުހިއްމު ކަމަށެވެ.


