މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ސިނަމާލެ ބްރިޖު ކައިރިން މަރުވެ އޮޔައި ދިޔަ, 25 އަހަރުގެ ނޭޕާލުގެ އަންހެން މީހާ އެންމެ ފަހުން ފެނުނީ ބްރިޖު މަތިން ހިނގާފައި ދަނިކޮށް ކަމަށާއި، އޭނާ އުޅުނީ އޭނާގެ ލޯބިވެރިޔާ އެކު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ޗީފް އިންފެކްޓާ މުހައްމަދު ސާމިހް ވިދާޅުވީ، މެއި 25 ވަނަ ދުވަހުގެ 12:30 ހާއިރު ސިނަމާލެ ބްރިޖް ކައިރިން މީހަކު އޮޔާދާ ކަމަށް މައުލޫމާތު ލިބުމުން ފުލުހުން ވަގުތުން އެ ސަރަހައްދަށް ދިޔަ ކަމަށެވެ. އަދި އެ އަންހެން މީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ.
ފުލުހުން ތަހުގީގުކުރާ ބައެއް މައްސަލަތަކުގެ މައުލޫމާތު މީޑިއާއާ ހިއްސާކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ބްރީފިންއެއްގައި ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމެންޓުގެ ފަރާތުން ޗީފް އިންސްޕެކްޓާ މުހައްމަދު ސާމިހު ވިދާޅުވީ ނޭޕާލުގެ އަންހެން މީހާ އަކީ މޭ މަހުގެ އެއްވަނަ ދުވަހު ރާއްޖެ އައި މީހެއް ކަމަށެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ މާލޭ ގެސްޓު ހައުސްއެއްގައި ކަމަށާއި އެ ތަނުގައި އޭނާ ދިރިއުޅެމުން ދިޔައީ އެ ލޯބިވެރިޔާއެކު ކަމަށް ވިދާޅުވި އެވެ.
އަދި އޭނާގެ ލޯބިވެރިޔާއަކީ ވެސް ބިދޭސީއެއް ކަމަށް ސާމިހު ވަނީ ވިދާޅުވެފައެވެ.
ސާމިހު އިތުރަށް ވިދާޅުވީ ސީސީޓީވީއިން ފެނުނު ގޮތުގައި އެ އަންހެން މީހާ އެކަނި ހިނގާފައި ސިނަމާލެ ބްރިޖަށް އަރައިގެންދާ މަންޒަރު ފެންނަ ކަަމަށާއި، އެ އަންހެން މީހާ އެންމެ ފަހުން ދިރިހުއްޓާ ފެނުނީ އެ ދުވަހުގެ 11:27 ހާއިރު ސިނަމާލެ ބްރިޖް މަތިން ކަަމަށެވެ.
ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން އެ މަރަކީ އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް މަރެއްކަމަކަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް މައްސަލައިގެ މުޅި ތަހުގީގު ފުރިހަމަ ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.


