ޣައްޒާ – އިސްރާއީލުގެ ޑްރޯނަކުން ޣައްޒާއަށް ރޭ ދިން މިސައިލަކުން ފަލަސްތީނުގެ 11 މީހަކު ޝަހީދުކޮށްލައިފި އެވެ.
އަލްއަހްލީ އަލްއަރަބީ ހޮސްޕިޓަލުގެ މެޑިކަލް މަސްދަރަކުން ބުނީ ޣައްޒާ ސިޓީގެ އިރުދެކުނުން އޮންނަ އަލް ޒައިތޫން އަވަށުގެ އަލް-ސިއްކާ މަގުގައި އިޒްރޭލުގެ ޑްރޯނަކުން އައި މިސައިލަކުން ހަމަލާދީ ދެ މީހަކުޝަހީދުވެފައިވާ ކަމަށެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީގެ ހުޅަނގުން އޮންނަ އަލްއަލަމް ރައުންޑަބައުޓްގެ ވަށައިގެން އިސްރާއީލުން ހިންގި ހަމަލާތަކުގައި ވެސް ފަލަސްތީނުގެ ދެ މީހަކު ޝަހީދުވެފައި ވެއެވެ. އަދި އިއްޔެ ފަތިހުން ފެށިގެން އެ ސިޓީގައި މަރުވި އާންމުންގެ އަދަދު ވަނީ 23 އަށް އަރާފައެވެ.
މި ބާރު ގަދަ ހަމަލާތަކުގެ ސަބަބުން ރަފަހްގެ 70 އިންސައްތައަށްވުރެ ގިނަ ވަސީލަތްތަކާއި އުމްރާނީ ވަސީލަތްތައް ހަލާކުވެ، ރަފާހު ކްރޮސިން ހޯލްތަކާއި އެތަނުގެ ހުރިހާ ވަސީލަތްތަކެއް އަންދާލައި ހަލާކުކޮށްލާފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތައް ފެށުނީއްސުރެ ޝަހީދުވި އާންމުންގެ ޢަދަދު 37،396 އަށްވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި 85،452 މީހުން ވަނީ ޒަޚަމްވެފައެވެ.


