ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން ނިމުނީ ވަރަށް ކާމިޔާބުކަމާ އެކު ކަމަށާއި އެކަމަކު ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
މީޑިއާއާއި ޙިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ، މިއަހަރުގެ ޙައްޖަކީ، އެންމެ ގިނަ ބަޔަކު ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ޙައްޖުގެ އަޅުކަން އަދާކުރި ފަހަރުކަމަށެވެ. އަދި މިފަހަރުގެ ޙައްޖުގެ އޮޕަރޭޝަން ކާމިޔާބު ކަމަށް ޝަހީމް ވިދާޅުވިއެވެ.
ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ 1،150 އަށް ވުރެ ގިނަ މީހުންނާ އެކު ވަޑައިގެންނެވި ޝަހީމް ވަނީ ރަނގަޅު ކުރަންޖެހޭ ކަންތަށްތަކެއް ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އަންނަ އަހަރަށް އެ ކަންކަން ރަނގަޅު ކުރާނެކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން ޝަހީމް ވަނީ ޙައްޖާޖީންނަށް ފެންވަރު ރަނގަޅު ދިވެހި ކެއުމާއި، ބަލި މީހުންނަށް މަތީ ދަރަޖައިގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދެވުނުކަން ފާހަގަކުރައްވާފައެވެ. އަދި ޙައްޖު މިޝަންގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން ބަލި މީހުން ހިމެނޭހެން ހުރިހާ އެންމެންވެސް އަރަފާތައް ގެންދެވުނުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވަނީ ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓާއި އެ ކުންފުނީގެ މުވައްޒަފުންނާއި އެހީތެރިން އަދި ހައްޖު މިޝަނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ދިވެހި ހައްޖުވެރިންނަށް އެހީވި މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.


