ދިވެހި ހައްޖުވެރިއަކަށް ހާޓް އެޓޭކެއް ޖެހި ފަރުވާ ދެމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް ވިދާޅުވީ ހައްޖުވެރިއަކަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމުގެ މައުލޫމާތު މިއަދު ލިބިފައިވާ ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.
ރާއްޖޭގައި ތިބި އެމީހާގެ އާއިލާ މީހުންނަށް ގުޅައި އެމީހާގެ ހާލުގެ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށާއި އަދި ހައްޖު ކޯޕަރޭޝަނާއި ހައްޖު މިޝަންގެ ފަރާތުން ބަލި މީހާގެ ކަންކަން ބަލަމުންދާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ހައްޖު ކޯޕަރޭޝަންއާއި ހައްްޖު މިޝަން އިން އެ ހައްޖުވެރިޔާގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް މިނިސްޓަރު ހިއްސާއެއް ނުކުރެ އެވެ.
ޝަހީމް ވަނީ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ޑޮކްޓަރުންގެ ޓީމެއް ހައްޖު ކޯޕަރޭޝަނުގައި އެބައޮތް ކަމަށާއި އަދި ހައްޖުވެރިންގެ ކަންކަން ބެލުމަށްޓަކާ ހައްޖު މިޝަންގައި ވެސް ޑޮކްޓަރެއް ހިމަނާފައިވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހައްޖުވެރިން ތިބޭ ހޮޓަލުގައި ކްލިނިކެއް ވެސް ގާއިމުކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ.


