އަމީރު އަހުމަދު މަގު ހޮޓެލްޖެން ކައިރީގައި ހުންނަ ޕާކިންޒޯންގައި ޕާކު ކޮށްފައި ހުރި ސައިކަލު ތަކެއްގައި ރޭ ރޯކޮއްލުމުގެ ސަބަބުން ބައެއް ސައިކަލުތައް ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
ރޭ މެންދަމުން އަލިވެ 3:03 ހާއިރު މި މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ ރޭގެ ހާދިސާގައި ހަތް ސައިކަލަކާއި ވޭނަކަށް ގެއްލުންވެފައިވާއިރު، އޭގެތެރެއިން ތިން 3 ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށާއި ނަމަވެސް ސައިކަލުތަކުގައި ރޯކޮއްލި މީހާގެ މައުލޫމާތު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެމީހާ ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މި މައްސަލަ ދަނީ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންނެވެ.


