އިރާނުގެ ކުރީގެ ރައީސް މަހުމޫދު އަހުމަދީނީޖާދު ކުރިއަށް އޮތް އިރާނުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި ނަން ހުށައަޅާފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ހިނގާ ޖޫން މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރާނުގެ ރިޔާސީ އިންތިހާބަކީ މޭ 19 ވަނަ ދުވަހު އެ ގައުމުގެ ވެރިކަމުގައި ހުރި އިބްރާހިމް ރިއާސީ އަވަހާރަވުމާއި ގުޅިގެން ބާއްވާ އިންތިހާބެކެވެ.
އުމުރުން 67 އަހަރުގެ އަހުމަދީ ނީޖާދު ވަނީ މީގެކުރިން 2005 ން 2017 ވަނަ އަހަރާ ޖެހެންދެން ޖެހިޖެހިގެން ދެ ދައުރު ވެރިކަން ކުރައްވާފަ އެވެ.
އެންމެފަހުން އީރާނުގައި ބޭއްވި ދެ ރިޔާސީ އިންތިހާބު ކަމަށްވާ 2021 އަދި 2017 ގެ ރިޔާސީ އިންތިހާބަށް އަހުމަދީނީޖާދު ނަން ހުށަހެޅި ނަމަވެސް އީރާނުގެ ވެރިކަމަށް ކުރިމަތިލުމަށް ނަން ފާސް ކުރާ "ގާޑިއަން ކައުންސިލް" އިން ވަނީ އޭނާއަށް ކުރިމަތި ނުލެވޭނެ ކަމަށް ފާސްކޮށްފަ އެވެ.
މިފަހަރުވެސް އޭނާ އަދި ދެން ނަން ހުށަހެޅުއްވި ކެޑިޑޭޓުންނަށްވެސް ވާދަ ކުރެވޭނެކަން އަދި ނޫންކަން އެނގޭނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެއީ އެ ކައުންސިލުން ބަލަންޖެހޭ ބެލުންތައް ބަލާ ކުރިމަތިލެވޭ ފަރާތްތައް އިއުލާން ކުރީމައެވެ.
އަހުމަދީ ނީޖާދުގެ ވެެެރިކަމުގެ ދުވަސްތަކަކީ އީރާނުގެ ނިއުކުލިއާ އާއި ޔޫރޭނިއަމް ފައްކާ ކުރާކަމަށް ބުނެ ހުޅަނގާއި ވަރަށް މައްސަލަތައް ހޫނުވި ދައުރެކެވެ.


