ފުށިދިއްގަރުފަޅު ހިއްކުމުގައި އެހެން މޮޑެލްއެއް ބޭނުންކޮށްގެން ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އެތަށް ހިއްކާ ނިމޭނެކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.
ރަސްމާލޭގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަން މަސައްކަތްކުރާ އީކޯ ސިޓީ ހެދުމަށް ހަވާލުކޮއްފައިވަނީ ބޮސްކާލީސްގެ މި ރީޖަންގެ ޕާޓްނަރު ސީއެމްސީއާއެވެ.
ރަސްމާލެ ހިއްކަން ހަވާލުކޮށްފައިވަނީ އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުޅުމާލެއިން 10 ހެކްޓަރުގެ ބިމާއި ރަސްމާލެ ހިއްކާ ނިމުމުން އެތަނުން 60 ހެކްޓަރުގެ ބިން ދޭ ގޮތަށެވެ. އެބިންތަށް ދޫކުރީ 50 އަހަރުގެ މުއްދަތަކަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވީ މިހާރު ރަސްމާލެ މަޝްރޫއު ހުއްޓިފައިއޮތީ އެކަމަށް ބޭނުންވާ ފައިސާ ނުލިބިގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަޝްރޫއު އަލުން ފަށަން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ގިނަ ކާމިޔާބީތަކެއް ވެސް ލިބިފައިވާ ކަމަށެވެ. އަދި، އެހެން މޮޑެލްއެއް މެދުވެރިކޮށް ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށާއި އޭގެ ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.


