20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގެދޮރުވެރިކަމާއި ބެހޭ ކޮމިޓީއެއް އެކުލަވާލުމަށް ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވެއްޖެ އެވެ.
އިއްޔެފެށި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޮރިޓީ ހިފަހައްޓާ ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުން މި ކޮމިޓީ ހަދަން ނިންމާ އެކަންވަނީ ހާމަ ކޮށްފަ އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބައިވެރިވެވަޑައިގަތް ފުރަތަމަ ޕްރޮގުރާމް، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މި ކޮމިޓީގެ ވާހަކަ ނުދެއްކީ ވަގުތު ނެތުމުން ކަމަށެވެ.
ނަަޒިމް ވިދާޅުވީ އާމު ކޮމިޓީން ގަވައިދައް ބަދަލުގެނައުމުން މި ގެދޮރުވެރިކަމާ ބެހޭ ކޮމިޓީ އުފެދޭނެ ކަމަށެވެ. ނާޒިމް މިހެން ވިދާޅުވި އިރު މިހާރުވަނީ ގަވައިދަށް ބަދަލުގެންނަށް އާމު ކޮމިޓީއަށް ފޮނުވާފަ އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ގެދޮރުވެރިކަމާ ބެހޭ ކޮމިޓީގެ ދަށަށް ބޯހިޔާވަހިކަމުގެ މައްސަލަތައް ގެނައުމަކީ، އެ މައްސަލަތައް ހައްލު ކުރުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.
ގެދޮރުވެރިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އެންމެ އިސްކަންދޭނެ އެއް ދާއިރާ ކަމަށް ވަނީ ކަނޑައަޅުއްވައިފަ އެވެ. އެ މަނިކުފާނުގެ ފަސް އަހަރުގެ ވެރިކަން ނިމޭއިރު، އެންމެންނަށް ގެދޮރު ހޯދައި ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.


