Tuesday, 28 July 2026

ކުދި ގައުމުތަކަށް މާލީ އެހީ ހޯދުމަށް ތިން ހައްލެއް ރައީސް ހުށަހަޅުއްވައިފި

ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކާއި މަޑު ދުވެއްޔައްގައި ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް މާލީ އެހީ ހޯދައި ދެވޭނެ ތިން ހައްލެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފިއެވެ.

އެންޓީގާގައި ކުރިއަށްދާ ހަތަރު ވަނަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ކޮންފަރެންސްގެ ހަވާސާގައި މިއަދު ބޭއްވި ސިޑްސްގެ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ބޭއްވި ހައި-ލެވެލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިޑްސްއަށް ބޭރުން ލިބޭ އެހީތެރިކަން ފާއިތުވި އަހަރުތަކުގައި ދަށަށް ގޮސްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އިގްތިސާދު ކުރިއެރުމުގެ ރޭޓް ދަށްވުމުގެ ސަބަބުން އަތްފޯރާ ގޮތެއްގައި މާލީ އެހީ ހޯދުމުގައި ވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ރާއްޖެ އަށް އަންނަ މޫސުމީ ބަދަލުތަކާ ގުޅިގެން އެކިއެކި ނިންމުންތައް ނިންމަން މަޖުބޫރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ކުދި ގައުމުތަކަށް ބޭނުންވާ ފައިނޭންސް ހޯދައިދެވޭނެ ތިން ހައްލެއް ހުށަހަޅުއްވައިފަ އެވެ.

ފުރަތަމަ ކަމަކަށް ރައީސް ފާހަގަ ކުރެއްވީ ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހު ކުރުމެވެ. ރައީސް ވިދާޅުވީ މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކް (އެމްޑީބީ) ތަކުގައި ކްރެޑިޓް ރޭޓިންތަކަށް ވެސް ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް ކުދި ގައުމުތަކަށް މާލީ އެހީ ދެވިދާނެ ކަމަށެވެ.

"އެހެންކަމުން، ނިޒާމަށް މި އިސްލާހުތައް ގެނެސް، ފާއިތުވި 30 އަހަރުގެ ތެރޭގައި ސިޑްސްއަށް ވެފައިވާ ވައުދުތައް ފުއްދުމަށް އަޅުގަނޑު އެމްޑީބީތަކާއި އިންޓަނޭޝަނަލް ފައިނޭންސް އިންސްޓިޓިއުޝަންތަކަށް އަޅުގަނޑު ގޮވާލަން."

ދެވަނަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުން އެމްޑީބީތަކާއި ޕްރައިވެޓް ސެކްޓަރާ ގުޅިގެން ސިޑްސްއަށް މާލީ އެހީ ލިބޭނެ މިންވަރު އިތުރު ކުރަން ޖެހޭ ކަމަށެވެ. ބޮޑެތި ގައުމުތަކާއި މާލީ އިދާރާތަކުން ސިޑްސްގެ ގައުމުތަކަށް އިންވެސްޓް ނުކުރާ މައިގަނޑު ސަބަބަކީ ނަގަންޖެހޭ ރިސްކު އޮތުމާއި މާކެޓު ކުޑަވުމުގެ ސަބަބުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، އެ ރިސްކުތަކުގެ ބައެއްގެ ހިއްސާ ބޮޑެތި ގައުމުތަކުން ނަގައިފިނަމަ، ކުދި ގައުމުތަކަށް މިހާރު އޮތް ހުރަސްތައް ނެތިގެންދާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.

ފަހު ކަމަކަށް ރައީސް ފާހަގަ ކުރެއްވީ ކުދި ޖަޒީރާ ގައުމުތަކުން މިހާރަށް ވުރެ ވިސްނުން ފުޅާކުރުމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ކުދި ގައުމުތަކަކީ އެހީ ދޭން ތިބި ބަޔެއްގެ ގޮތުގައި ދެކުމުގެ ބަދަލުތަކުގައި ދެމެހެއްޓެނެވި ތަރައްގީގެ ބައިވެރިންގެ ގޮތުގައި ބޮޑެތި ގައުމުތަކުގެ ވިސްނުން ބަދަލުކުރަންޖެހެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *