ރައްޔިތުން މަޖިލީހުގެ 9 އޮފިޝަލަކު އިންޑިއާގެ ޕާލަމެންޓްރީ ރިސާޗް އެންޑް ޓްރެއިނިންގ އިންސްޓިޓިއުޓް ފޮރ ޑިމޮކްރަސީސް، ލޮކް ސަބާ ސެކްރެޓޭރިއޭޓްގައި ފަސް ދުވަހު ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަ ކޮށްފިއެވެ.
މި ޓްރެއިނިން ޕްރޮގްރާމަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ސެކްރެޓޭރިއޭޓާއި ލޮކް ސަބާ ސެކްރެޓޭރިއަޓާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ރައްޔިތުންގެ މަޖިލިހުގެ ސެކްރެޓޭރިއެޓުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ފަސް ދުވަހަށް ކުރިއަށް ދިޔަ މި ޕްރޮގްރާމްގައި ރާއްޖޭގެ މަޖިލީހުން ބައިވެރިވި ސެކްރެޓޭރިއެޓުން ވަނީ ލޮކް ސަބާގެ ސެކްރެޓޭރިއެޓުންނާއި ބައްދަލުކޮށް، ތަޖުރިބާ ހިއްސާކޮށްފައެވެ.
މި ޓްރެއިނިންގެ އަލީގައި ބައިވެރިން ވަނީ ޕާލިމެންޓްރީ ޕްރޮސެސްއާ ބެހޭ ގޮތުން ވަރަށް ގިނަ ކަންކަން ދަސްވިކަމަށް ބުނެފައެވެ. އަދި ސެކްރެޓޭރިއެޓް ރޯލާއި، އިންޑިއަން ޕާލިމެންޓުގެ މެމްބަރުންނަށް ދޭ އެއްބާރުލުން އެނގުމަކީ ރާާއްޖޭގެ މަޖިލީހުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އާ ޚިޔާލުތައް ބޭނުންކުރުމަށް ހިތްވަރު ލިބުނު ހިތްވަރެއްކަމަށް ފާހަގަކޮށްފައިވެއެވެ.
"މި ޕްރޮގްރާމުގެ ޒަރިއްޔާއިން ދެ ޕަރލިމެންޓުގެ ތަފާތުތައް ދެނެގަތުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ވަނީ ދީފަ. އެހެންކަމުން، މިފަދަ ފުރުސަތެއް ފަހިކޮށްދިނީތީ އިންޑިއާ ސަރުކާރަށާއި، ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން" ޓްރެއިނިންގެ ބައިވެރިޔަކު ބުނެފައިވެއެވެ.
މި ޓްރެއިނިންގެ ބައިވެރިން ވަނީ އިންޑިއާގެ ޕާލިމެންޓްރީ ހައުސް އާއި، ތާޖް މަހަލް ފަދަ ތަންތަނަށް ވެސް ޒިޔާރަތްކޮށްފައެވެ.


