އަންހެން ވިޔަފާރިވެރިން އުފެއްދުމަށް 6.5 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނު ސްކީމެއް ހުޅުވާލާނެކަމަ ރައީސުލްޖުމްހޫރިއްޔާ ޑރ. މިޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިއްޔެ ހަވީރު އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ލޯނުގެ 25 ޕަސެންޓު ހާއްސަ ކުރާނީ ނުކުޅެދުންތެރިކަން ހުއްނަ އަންހެނުނަށް ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެއްމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ޒުވާން ވިޔަފާރިވެރިން ކުރިއެރުމަށް އިންވެސްޓްމަންޓް ތަކަށް މަގިފަހި ކޮއްދޭންޖެހޭ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިއަދު މުޅި ދުނިޔޭގައިވެސް ތިމާވެށީގެ ކަންކަން ލަފާކުރަން ނޭނގޭ މިންވަރަށް ހަލުވިކަމާއެކު ބަދަލުވަމުންދާ ކަމަށާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކަށް ކުރިއަށްވުރެވެސް ބޮޑަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ.
ރައީސް ވިދާޅުވީ ތަފާތުކުރުމެއްނެތި އެއްމެން ހަމަހަމަވާ ގޮތަށް އެއްމެން ބާރުވެރިކުރުމަކީ އެމަނިކުފާނުގެ އަމާޒުކަމަށެވެ.


