ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ހިއްކާ ސަރަހައްދުގައި އަޅާފައި އޮތް ސަފާރީތަކަށް ގެއްލުންވާތީ، ސަފާރީތައް ނަގަން އަންގައިފިއެވެ.
އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގާފައި ވަނީ ހިނގައިފާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުން ކަމަށް އެޗްޑީސީއިން ބުނެއެވެ.
އެޗްޑީސީއިން ވަނީ، އެ ސަރަހައްދަށް ވަންނަ ކޮޅުވެއްޓިތަކުގެ ސަބަބުން ސަފާރީތަކަށް ގެއްލުންވެ، ނުރައްކާތެރި ހާދިސާތައް މީގެ ކުރިން ހިނގާފައިވާ ކަމަށް ބުނެފައެވެ.
އެހެންކަމުން އެފަދަ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެ ސަރަހައްދުގައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީއިން ވަނީ އެދިފައެވެ. އަދި ބުރާސްފަތި ދުވަހުގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އެޅުމަކީ މަނާކަމެއް ކަމުގައި ވެސް އެޗްޑީސީއިން ބުނެއެވެ.


