ރ. އުނގޫފާރު މަގުމަތީގައި ކުޅެން އުޅުނު ދެ ކުއްޖަކު ކަރަންޓުގައި ޖެހިގެން، ސަލާމަތް ކުރަން އުޅުނު ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އެ އެ ރަށު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ކަރަންޓުގައި ޖެހުނު ދެ ކުއްޖަކާއި ޒުވާނަކު އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އިއްޔެ މެންދުރުފަހު 1:40 ހާއިރު އެވެ. އެއީ 12 އަހަރުގެ އަންހެން ކުއްޖަކާއި 8 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 18 އަހަރުގެ ފިރިހެނެކެވެ.
ހާލު ސީރިއަސް 18 އަހަރުގެ ޒުވާނާއަކީ 8 އަހަރުގެ ކުއްޖާ ސަލާމަތްކުރަން މަސައްކަތް ކުރި ޒުވާނާއެވެ.
މައުލޫމާތު ލިބޭގޮތުގައި އެ ޒުވާނާއަށް ވަރަށް ބޮޑަށް އަނިޔާ ލިބިފައިވާއިރު، ހާލަތު ދަނީ ގޯސްވަމުންނެވެ.
މި ހާދިސާ ދިމާވާން މެދުވެރިވީ ވާރޭވެހުމުގެ ސަބަބުން ހެދިފައިވާ ފެންގަނޑެއްގެ ތެރެއަށް ކުޅުމުގެ ތެރޭގައި 8 އަހަރުގެ ކުއްޖާ އެރި އުޅުމުގެ ތެރޭގައެވެ. އެ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތީގެ ވަޔަރިންގެ މައްސަލައެއް ދިމާވެ ފެންގަނޑަށް ކަރަންޓު ދޫވެފައި ހުރުމުން ކުއްޖާ ކަރަންޓުގައި ޖެހުނީ ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.


