Tuesday, 28 July 2026

މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމް

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނާއިބު ރައީސަކަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމް އިންތިހާބު ކުރަން ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ނިންމައިފި އެވެ.

ޕީއެންސީން މިގޮތަށް ނިންމާފައިވަނީ އެ ޕާޓީގެ ޕީޖީ ގުރޫޕްގެ މެންބަރުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މުލިއާ ގޭގައި ކުރިއަށްގެންދާ ބައްދަލްވުމުގަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ފަލާހް އައްޔަން ކުރެއްވުމަށް ހުށަހަޅުއްވާފައެވެ. އަދި ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ޝުޖާއުގެ ނަން ހުށަހެޅުއްވިއެވެ.

މީގެއިތުރުން ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި ތިން ބޭފުޅެއްގެ ނަންވެސް ރައީސް ހުށަހެޅުއްވިއެވެ.

އެގޮތުން ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ތޯރިގު (ޓޮމް)، ހުޅުދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) އަދި ވިލިމާލެ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އިސްމާއީލްގެ ނަމެވެ.

އަދި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރުގެ ގޮތުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހަމަޖެއްސުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

ވިހި ވަނަ މަޖިލީހުގައި ޕީއެންސީގެ މެންބަރުންގެ އަދަދަކީ 74 އެވެ. ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އެމްއެންޕީގެ ގޮނޑިތަކާ އެކު، ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަދަދު 78 އަށް މިހާރު ވަނީ އަރާފަ އެވެ. މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރެެއްވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވުން އޮންނާނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *