Tuesday, 28 July 2026

ހަތަރު މީހުންނާއެކު ގެއްލުނު ދޯނި ހޯދުމަށް 10،760 މޭލު ބެލިއްޖެ: އެމްއެންޑީއެފް

ތިލަފުށިން ފުރައިގެން ދަތުރު ކުރަމުން ދިޔަ އޭއޭއޭ37 ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބެލިއްޖެ ކަމަށް އެމްއެންޑީއެފްއިން ވިދާޅު ވެއްޖެ އެވެ.

މޯލްޑިވްސް ނޭޝްނަލް ޑިފެންސްފޯސް (އެމްއެންޑީއެފް)އިން މިޔަދު މިދިޔަ ހުކުރު ދުވަހު ގެއްލިފައިވާ، އެ ދޯނި ހޯދުމަށް މި މަހު 18 ވަނަ ދުވަހު ކަނޑާއި ވައިގެ މަގުން ޖުމްލަ 4519 ނޮޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އަދި އިއްޔެ 19 މެއިގައި އެ ދޯނި ހޯދުމަށް ކަނޑާއި ވައިގެ މަގުން ޖުމްލަ 6241 ނޮޓިކަލް މޭލު ސަރަހައްދެއް ބެލިފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި ފާއިތުވީ 48 ގަޑިއިރު ތެރޭގައި ކަނޑާއި ވައިގެ މަގުން އެ ދޯނި ހޯދުމަށް ޖުމްލަ 10760 ނޮޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އެ އިދާރާއިން އިތުރަށް ވިދާޅުވީ މިހާރު މިހާދިސާގެ މައުލޫމާތު ކައިރީ ގައުމުތަކުގެ އެމް.އާރު.ސީ އާއި ހިއްސާކުރެވި، މި ދޯންޏާއި ގުޅޭ އެއްވެސް ހަބަރެއް ލިބިއްޖެނަމަ އެމްއެންޑީއެފްއާ ހިއްސާކުރުމަށް އެދިފައިވާ ކަމަށެވެ.

އަދި އެ ހިސާބުން ދަތުރު ކުރާ އުޅަދަކަށް މި ހާދިސާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސް ނުކުރައްވާ އެމް.އާރު.ސީ.ސީގެ ހިލޭ ގުޅޭ ނަމްބަރު 191 އާއި ގުޅުއްވާ އެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ވަނީ ގައުމީ ދިފާއީބާރުން އެދިލައްވާފަ އެވެ.

މިދިޔަ ހުކުރުދުވަހު 3 ބިދޭސީންނާއި 1 ދިވެހި ފިރިހެނަކާއި އެކު ތިލަފުށިން މިދޯނި ފުރާފައިވަނީ މ.މެދުފުށި ރިސޯޓަށް ދިޔުމަށް އެދުވަހުގެ ހެދުނު އެވެ. އަދި ގެއްލިގެން ރިޕޯޓްކޮއްފައިވަނީ އެ ދުވަހުގެ ހަވީރު 17:15 ހާއިރު އެވެ.

މި ދޯނި ހޯދުމުހެ މަސައްކަތުގައި އެމްއެންޑީއެފްގެ ޝަހީދު އަލީ ކޯސްޓް ގާޑްއާއި މޯލްޑިވިއަންގެ ފްލައިޓެއްދަނީ ބޭނުން ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *