މަސްވެރި އުފެއްދުންތައް މާކެޓް ކުރުމަށް ހާއްސަ ކޮށްގެން ”މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް“ ގެ ނަމުގައި އުފައްދާފައިވާ ކުންފުންޏަށް، ބޯޑު މެމްބަރުން އައްޔަނު ކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑުން މިއަދު ވަނީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕޮރޮމޯޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް 4 މެމްބަރުން އައްޔަނު ކުރައްވައިފި އެވެ.
ބޯޑް އޮފް ޑިރެކްޓާސްއަށް އައްޔަން ކުރައްވާފައިވަނީ މުންޝިދާ އިބްރާހިމް – ގ. އޮނުހުރި، އަހްމަދު ޝިފާޒް – ނައިޓްރޯސް / ތ. ދިޔަމިގިލި، އާއި އަހްމަދު ޔާމީން – ގްރީންވިލާ / ސ. މީދޫ އަދި އާދަމް މަނިކު – ހ. ސަމާބްލޫ އެވެ.
ދަރަންޏަށް ޒިއްމާވާން ޖެހޭ މިންވަރު ކަޑައަޅާފައިވާ މި ކުންފުންޏަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ މި އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު އެވެ.
މި ކުންފުނި އުފެއްދުމުގެ މައިގަޑު ބޭނުމަކީ މަސްވެރިކަމުގެ އުފެއްދުންތަށް ރާއްޖެއިން ބޭރުގައި ޕްރޮމޯޓްކޮއް މަސްވެރިކަމުގެ ސިނާއަތުން ލިބޭފައިދާ އިތުރު ކުރުމެވެ.


