ތިލަފުށީގެ އެއްވަނަ ފިޔަވަހިން މިހާރު ކުއްޔަށްދީފައިވާ ބިންތަށް މިލްކު ކުރުމުގެ ފުރުސަތު ހުޅުވާލާ މިލްކު ކުރުމަށް އެދި ހުށައަޅާނެ ގޮތް އައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެދީފި އެވެ.
ކުރިން އެޗްޑީސީން ބުނެފައިވަނީ ބިން މިލްކު ކުރުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށް ފަހު އެޗްޑީސީގެ ސޭލްގެ އީމެއިލްއަށް މެއިލް ކުރުމަށެވެ. ނަމަވެސް އެ ކުންފުނިން އުސޫލު ބަދަލުކޮއް މިޔަދު ބުނީ ބިން މިލް ކުރަން ޝައުގުވެެރިވާ ފަރާތްތަކުން [email protected] އަށް ސިޓީއެއް މެއިލް ކުރުމަށެވެ.
މިމަހުގެ ދެވަނަ ދުވަހު އެޗްޑީސީން ހުޅުވާޅާފައި ވަނީ ތިލަފުށީގެ އެއްވަނަ ފިޔަވަހިން 5،000 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑެތި ބިން ކުޔަށް ނަގާފައިވާ ފަރާތްތަކުން ބިން މިލްކު ކުރަން ބޭނުންވާނަމަ އެކަމަށް އެދުމަށެވެ.
ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރީގެ ހަބުގެ ގޮތުގައި ތަރައްގީ ކުރަމުން އަށްނަ ރަށެކެވެ. މި ރަށުގައި ސިމެންތި އާއި ގޭސް ބަންދު ކުރުމުގެ އިތުރުން މާލޭގައި ހުއްނަ ބޮޑެތި ފިހާރަ ތަކުގެ ގުދަންތަށް ވެސް ހުއްނަނީ ތިލަފުށީގަ އެވެ.
އަދި ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން މިހާރު ކުރިއަށް ދާ ތިލަ-މާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެއެވެ.
މީގެ ކުރިން އެޗްޑީސީންވަނީ ހަމައެކަނި ދިވެހި ވިޔަފާރިވެރިންނަށް ތިލަފުށިން ބިން ގަތުމަށް ހުޅުވާލާފަ އެވެ.


