Tuesday, 28 July 2026

ރާއްޖޭގައި ޤާއިމުވެ ތިބީ އިންޑިއާގެ 76 ސިފައިން، އެންމެންވެސް ފޮނުވާލައިފިން – ޣައްސާން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އިންޑިއާ ސިފައިން ފޮނުވާލެވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ ތިން ބެޗަށް ބަހައިލައިގެން ދިވެހިރާއްޖެއިން ފައިބައިގެން ދިޔައީ އިންޑިއާގެ 76 ސިފައިން ކަމަށާއި ސިވިލިޔަނުން ވެސް ރާއްޖެއަށް އައީ އެ އަދަދަށް ކަމަށެވެ.

ރައީސް މުއިއްޒުގެ ވައުދާއި އެއްގޮތަށް އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލެވިއްޖެކަން ފާހަގަކުރައްވާ މިނިސްޓަރު ޣައްސާން ވިދާޅުވީ، ކުރު މުއްދަތެއްގައި ތެރޭގައި އިންޑިއާ ސިފައިން ފޮނުވާލެވުނީ މަޝްވަރާގެ އުސޫލުގެ ތެރެއިން ރައީސް މުއިއްޒުގެ ހިކުމަތްތެރި ވިސްނުމުގެ ސަބަބުން ކަމަށެވެ.

މި ޕްރެސް ކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ 7 މާޗުގައި 12 އިންޑިއާ ސިފައިން، 9 މާޗުގައި 14 އިންޑިއާ ސިފައިން، 7 އޭޕްރިލްގައި 13 ސިފައިން، 9 އޭޕްރިލްގައި 12 ސިފައިން، 7 މޭ ގައި 12 ސިފައިން އަދި 9 މޭގައި 13 އިންޑިއާ ސިފައިން އަނބުރާ ގެންދިޔަ ކަމަށެވެ.

އަދި ރާއްޖޭގެ އަސްކަރީ ހޮސްޕިޓަލް، ސެނެހިޔާ ހޮސްޕިޓަލުގައި ތިބި އިންޑިއާ ޑޮކްޓަރުން އަދިވެސް ސެނެހިޔާގައި މަސައްކަތް ކުރަމުންދާކަމަށާއި، އެ ޑޮކްޓަރުންގެ ފަރާތުންވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަ ކަމެއް އޮތްނަމަ، އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

އިންޑިއާގެ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އަދި ޑޯނިއާ އޮޕަރޭޓް ކުރުމަށް އިންޑިއާއިން ފޮނުވި އާންމުންނަކީ ހެލިކޮފްޓަރު އުފެއްދި ކުންފުނީގެ މީހުން ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. އެ ކުންފުންޏަކީ "ހިންދުސްތާން އެރޮނޮޓިކްސް" ކިޔާ ކުންފުންޏެއް ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *