ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗު، މިހާރު އަނބުރާ ގައުމަށް ފޮނުވައިލައިފި އެވެ.
އިންޑިއާ އިން ކުރިން ވަނީ މި މަހުގެ 10 ގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ ގައުމަށް ގެންދަން ރާއްޖެއާ އެކު އެއްބަަސްވެފަ އެވެ.
އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗް ރާއްޖެ ދޫކޮށް ދިޔައީ މިދިޔަ މާޗު މަހުގެ ކުރީކޮޅެވެ. ދެ ވަނަ ބެޗު ދިޔައީ މިދިޔަ މަހު އެވެ. އެއީ 51 ސިފައިންނެވެ. ބާކީ ތިބި ހުރިހާ ސިފައިން މިއަދު ވަނީ ގެންގޮސްފަ އެވެ. އެކަމަކު އެންމެ ފަހުން ފުރައިގެން ދިޔަ އިންޑިއާގެ ސިފައިންގެ އަދަދެއް އަދި ސަރުކާރުން ނުބުނެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މިއަދު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު މެޗު މިހާރު އަނބުރާ ގައުމަށް އައިސްފައިވާ ކަމަށެވެ. އަދި އިންޑިއާ ސިފައިންގެ ބަދަލުގައި އުޅަނދުތައް އޮޕަރޭޓްކުރަން މަދަނީ މީހުން ރާއްޖެ ގޮސްފައިވާ ކަމަށްވެސް ޖައިސްވާލް ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެކަމުގެ ރިޔާސީ ވައުދާ އެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޖެހިގެން އައި ދުވަހު، އިންޑިއާ ސިފައިން އަނބުރާ ގެންދަން ރަސްމީކޮށް އެ ގައުމުގައި އެދިވަޑައިގެންފައެވެ.


