Tuesday, 28 July 2026

ސަރުކާރުގެ އެހީގައި 2 ކުއްޖެއްގެ ބޯންމެރޯ ޓްރާންސްޕްލާޓު ކާމިޔާބުކަމާ އެކު ނިންމާލައިފި

ސަރުކާރު ހަރަދުގައި ބޯންމެރޭ ހަދަން ފޮނުވި ދެ ކުއްޖެއްގެ ބޯންމެރޯ ގެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިންމާ ގެއަށް ދޫކޮށްލާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބޯންމެރޯ ހަދަނީ ޒަކާތު ފަންޑުން ކަމަށާއި މިހާތަނަށް ފަސް ކުއްޖެއްގެ ބޯންމެރޯ ހަދާފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ މި އަހަރު ބޯންމެރޯ ހެދުމަށް ނިއްމި ފަސް ކުދިންގެ ތެރެއިން ދެ ކުދިންގެ ބޯންމެރޯ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިއްމާފައިވާ ކަމަށާއި އަނެއް ތިން ކުދިންގެ އޮޕަރޭޝަން ވަރަށް އަވަހަށް ކުރާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި އަހަރުގައި އަދި ކުރިޔަށް އޮތް ފަސް އަހަރުގެ ކޮއްމެ އަހަރެއްގައިވެސް 10 ކުދިންގެ ބޯންމެރޯ ސަރުކާރުން ހަދައިދޭނެ ކަމަށެވެ. އެގޮތުން މިއަހަރު ބޯންމެރޯ ހަދާ ކުދިން އަހަރުގެ ފަހު ކޮޅާއި މެދުތެރޭގައި ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

ތެލެސީމިއާ ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން އެހީތެރި ވުމުގައި އިސްކަންދޭނީ މާލީ ތަނަވަސްކަން ކުޑަ ކުދިންނަށެވެ. އަދި މިކަމާ ގުޅޭ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީއާއެކު ވަނީ އެއްބަސްވުމެއްގައި ހެލްތު މިނިސްޓްރީއިން ސޮއި ކޮއްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭ ކޮއްމެ އަހަރަކު ދިހަ ކުދިންނަށް ބޯންމެރޯ ހެދުމުގައި އިސްލާމިކު މިނިސްޓްރީން އެހީތެރިވާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެފާވެ އެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *