ދިވެހި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އޭޓީއާރު މަރުކައިގެ އާ މަތިންދާ ބޯޓެއް ގެނެސްފި އެވެ. މިއީ ގައުމީ އެއާލައިންއިން ގެނައި ހަތަރުވަނަ އޭޓީއާރު މަރުކާގެ ބޯޓެވެ.
މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓައް ޖައްސާފައިވަނީ މިޔަދު ފަހެއް ޖަހާލިހާއިރު އެވެ. އެ ރަސްމީޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ލޯކަލް ގަވާނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ބައިވެރިވެ ވަޑައިގެއްނެވި އެވެ.
އޭޓީއާރު މަރުކައިގރ މި ބޯޓަކީ 42 މީހުންގެ ޖާގައިގެ ޒަމާނީ ބޯޓެކެވެ. އޭޓީއާރު ސަބްސިޑަރީ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ވިދާޅުވި ގޮތުގައި މިބޯޓަކީ އެއްމެ ޒަމާނީ އޭވިއޭޝަން ވަސީލަތްތަށް ހިމަނައިގެން އުފައްދާފައިވާ ބޯޓެއްކަމަށެވެ.
މިރަސްމީޔާރުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ މިޔަދަކީ އޭވިއޭޝަން ދާއިރާއަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި މި ގެނެވުނު އައު ބޯޓާއެކު މޯލްޑިވިއަންގެ ހިދުމަތްތަށް އިތުރަށް ފުޅާވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޑޮމެސްޓިކު ދަތުރުގެ ނުވަދިހަ ޕަސެންޓު ދަތުރު ކުރަނީ މޯލްޑިވިއަންއިން ކަމަށް ވާތީ އެ އެއާލައިންގެ ހާލަތު ރަނގަޅުކޮއް އެ އެއާލައިން އިތުރު ތަރައްގީގެ ހަރުފަތްތަކަށް ގެންދިއުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް އަމީން ވިދާޅުވި އެވެ.
މޯލްޑިވިއަން އިން މި އޭޓީއާރު މަރުކައިގެ ބޯޓު އެއްމެ ފުރަތަމަ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެއީ 72 މީހުންގެ ޖާގައިގެ ދެ ބޯޓެކެވެ. އަދި އޭގެ ފަހުން ވަނީ 42 މީހުންގެ ޖާގައިގެ ބޯޓެއްވެސް ގެނެސްފަ އެވެ.
އަލަށް ގެނައި މި ބޯޓާއެކު މޯލްޑިވިއަންގެ ޖުމްލަ ބޯޓުގެ އަދަދު 15 އަށް ވަނީ އަރާފަ އެވެ.


