ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ފޮޓޯ، އިނގިލީގެ ނިޝާން ނަގާ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ.
"ކުރަނގި" ނަމުގައި ފެށި މި މަސައްކަތް ފަށާފައިވަނީ މިއަދު ކ. ހިންމަފުށީގައެވެ. މި އޮޕަރޭޝަން ފައްޓަވާދެއްވާފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ.
މި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އެއް އަހަރުތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ދެ އަތުގެ އިނގިލީގެ ނިޝާނާއި އެމީހުންގެ ފޮޓޯ ނެގުމަށްފަހު މިހާރު ހުރި ވޯކްޕާމިޓް ރެކޯޑުތަކާ ދިމާވޭތޯ ބެލުމަށް ކުރެވޭ މަސައްކަތެކެވެ. އެއަށް ފަހު ގަވާއިދާ ހިލާފަށް ތިބީ ކޮން ބައެއް ކަމާއި އެމީހުން ތިބީ ކޮން ތަނެއްގައި ކާކުގެ ބެލުމުގެ ދަށުގައިތޯ ނުވަތަ އެއްވެސް މީހެއްގެ ބެލުމުގެ ދަށުގައި ނޫންތޯ ބަލުމަށްވެސް ހަމަޖެހިފައިވެއެވެ.
"ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން، އަޅުގަނޑުމެންގެ ސިސްޓަމްގެ ތެރެއަށް ގެނައުމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ކުރާނަން" ދާޚިލީ ވަޒީރު ޢަލީ އިޙުސާން pic.twitter.com/ammK7FVAbx
— Ministry of Homeland Security & Technology, MV (@HomeMinistrymv) May 2, 2024
މި މަސައްކަތް ފެށުމުގެ ގޮތުން މިއަދު ކ. ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިއަދު މި ފެށި އޮޕަރޭޝަނުގެ މަގުސަދަކީ ޒަމާނުއްސުރެ ރާއްޖެއަށް ދިމާވެފައިވާ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުން ކަމަށެވެ.
މި މަސައްކަތް ކުރާއިރު ހުރިހާ ރަށެއްގެ ކައުންސިލާއި ފުލުހުން ގުޅިގެން އެ ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނަގައި ސިސްޓަމާއި ދިމާކުރުވާފައި މިއީ ކޮންބައެއްތޯ ބަލާނެ ކަމަށް ހޯމް މިނިސްޓަރު އިހުސާން މީގެކުރިން ވިދާޅުވިއެވެ.


