ރިޔާސީ އިންތިހާބުގައާއި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއިން ކުރިމަތިލާން ޖެހުނު ނާކާމިޔާބީއާއެކު އެ ޕާޓީގެ ލީޑަރޝިފްގެ އިސްތިއުފާއަށް ގޮވުމުގެ އަޑު ގަދަވެފައިވީ ނަމަވެސް އެ ޕާޓީގެ ލީޑަރޝިޕް އިސްތިއުފާ ނުދޭނެކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ މިދިޔަ މަހު 21ގައި ބޭއްވި ރައްޔިތުންގެ މަޖިލީގައިވީ ބޮޑު ބަލީގެ ފަހުން ބޭއްވި ފުރަތަމަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ފަހު ބޭއްވި މީޑިިއާ ބްރީފިންގައި ވާހަކަ ދައްކަވަމުންނެވެ.
ފައްޔާޒު ވިދާޅުވީ ފާއިތުވި ބޮޑު ދެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީގެ ސަބަބު ދެނެގަތުމަށް ދިރާސާއެއް ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރުކަމް ކުރެއްވި ފައްޔާޒު ވިދާޅުވީ އިންތިހާބުތަކަށްފަހު ލީޑަރޝިޕް އިސްތިއުފާ ދިނުމަކީ އެ ބޭފުޅުން ގަބޫލު ކުރައްވާ ކަމެއް ވެސް ނޫން ކަމަށެވެ. ވިދާޅުވީ، ކޮންމެވެސް އެއް ބަޔަކަށް މޮޅު ލިބި އަދި އަނެއް ބަޔަކު ދަށްވާނެ ކަމަށެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ލީޑާޝިޕްގެ އިސްތިއުފާއަށް ގޮވާ ބޭފުޅުންނަށް އަންނަ އަހަރުގައި އޮއްނަ އެމްޑީޕީގެ ކޮންގްރެސްގައި މިހާރުގެ ލީޑަރޝިޕް ވަކިކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.


