އައިޖީއެމްއެޗްގެ ދަރުމަވަންތަ ބިލްޑިންގައި ކިޔަވަމުންދާ ގައުމީ ޔުނިވާސިޓީގެ ދަރިވަރުން އެތަނުން ނެރެ ގައުމީ ޔުނިވާސިޓީގެ ކެމްޕަސްއަށް ބަދަލުކުރުމަށް ނިންމުމުން އެ ތަނުގައި ކިޔަވަމުންދާ ދަރިވަރުން އެކަމާއި ކަންބޮޑުވުން ފާޅުކުރަންފަށައިފި އެވެ.
2019 އޭޕްރީލްގައި އައިޖީއެމްއެޗްއާއިއެކު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ސޮއިކޮށްފައިވާ އެ ހޮސްޕިޓަލްގެ ދަރުމަވަންތަ ބިލްޑިންގެ އަށްވަނަ ފަންގިފިލާ އަދި ސާދަ ވަނަ ފަންގިފިލާ، މެޑިކަލް ސުކޫލެއް ނެތުމުން ގައުމީ ޔުނިވާސިޓީގެ މެޑިސިން ކިޔަވާ ދަރިވަރުންނަށް ކިޔެވުމާއި ތަޖުރިބާ ހޯދުމަށް ދޭން ވެފައިވާ އެއްބަސްވުމުގެ އިތުރު ފަސް އަހަރު އޮއްވާ ކުއްލި ގޮތަކަށް އެތަނުން އެކުދިން ނެރެ މިހާރުވެސް ޖާގައިގެ ދަތިކަން އޮތް ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރާތީ އެކަމާ އެކުދިންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މެޑިސިން ކިޔަވާކުދިން "ނުކުތާ ނޫހަށް" ދީފައިވާ އިންޓަވިއުގައި ބުނެފައިވާގޮތުން އެމްއެންޔޫއަށް އެތަން ދިންތާ ތިންވަނަ އަހަރަށްފަހު ކިޔަވައިދޭން ދުރުވަނީ އަޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ޑަކްޓަރުންނެވެ. އަދި އެބޭފުޅުންނަކީ އޮން ކޯލްގައި ތިއްބަވާ ބޭފުޅުންނަށް ވާތީ ޔުނިވާސިޓީއަށް އެބޭފުޅުން ދުރުވެ، ކުލާސްތައް ނަގައިދިނުމަކީ ވާނެކަމެއް ކަމަށް ގަބޫލުކުރެވޭނެކަމެއް ނޫންކަމަށް އެކުދިންވަނީ ބުނެފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި މެޑިސިން ހަދަމުންދާ ދަރިވަރުން ނެރެފައިވާ ބަޔާނެއްގައިވަނީ އެތަނުގައި ކިޔަވަމުންދާ 200 އެއްހާ ދަރިވަރުނަށް އެ އިމާރާތުން ނުކުތުމަށް އަންގާފައިވަނީ ބުދަި ދުވަހު ކަމަށާއި އަދި މި ފެށޭ ހަފްތާގައި އެތަން ހުސްކުރުމުގެ މަސައްކަތް ކުރަން ޖެހިދާނެ ކަމަށް އެކުދިންނަށް އެ ހޮސްޕިޓަލުން އަންގާފައިވަނީ އެގްރިމެންޓްގައި ބާކީ ފަސް އަހަރު އޮއްވައިކަމަށް ދަރިވަރުން ބުނެއެެވެ.
"މި ދެ ފަންގިފިލާގައި ލެބްތަކާ އެކު ހުންނަ އަށް ކިލާސްރޫމް ވެސް ބައެއް ފަހަރު ފުރިގެން ލޮބީތަކުގައި ވެސް އަންނަނީ ކިޔަވައިދެމުންނެވެ. ކަން މިހެން އޮއްވާ އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އިމާރާތަށް ކިލާސްތައް ބަދަލުކުރަން ބުނިއިރު، އެ ތަނަކީ މިހާރުވެސް ތަން ފުރިގެން ގޮސް، ކިލާސްތައް ފުށުއަރަމުން އަންނަ ތަނެއް." ބަޔާނުގައި ވެއެވެ.
މެޑިސިން ހަދަމުންދާ ކުދިން ނެރުނު ބަޔާނުގައި އިތުރަށް ބުނީ އެ ސްކޫލުގައި މިވަގުތު ކިޔަވައިދެމުންދާ ހަތް ބެޗުގެ ތެރެއިން ފުރަތަމަ ބެޗު މި އަހަރުގެ ޖުލައި މަހު ދަސްވެނިމިފައިވާ ކަމަށާއި ހަތް ބެޗުގެ ތެރެއިން ކޯހުގެ ތިންވަނަ އަހަރުން ފެށިގެން މަތީގެ ދަރިވަރުންނަކީ ކޯސް އެކުލެވިފައިވާ ގޮތުން އައިޖީއެމްއެޗުގައި އަމަލީ ތަޖުރިބާ ފުރިހަމަކުރަމުން ކުލާހަށް ހާޒިރުވާ ދަރިވަރުން ކަމަށެވެ.
ޔުނިވާސިޓީގައި ކިޔަވާ ކުއްޖެއް ބުނި ގޮތުގައި އެކުދިން 24 ގަޑިއިރުވެސް ޑިއުޓީގައި އުޅެންޖެހޭ ކަމަށާއި އެވަގުތުގައި ކިޔަވަންވެސް ރެސްޓްކޮއްލުމަށް ކާލުމަށްވެސް ދަނީ އެ ދެ ފްލޯއަށްކަމަށާއި އެހެންކަމުން އެ ދެ ފްލޯ އަތުލުމުން އެކުދިންނަށް ސިފަވެގެންދާނީ ވަންނާނެ ތަނެއް ނެތިފައި އެތާއެތެރޭ ތިބޭ ބައެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ.
މި ކަންބޮޑުވުންތަކާއެކު ގައުމީ ޔުނިވާސިޓީގެ މެނޭޖްމަންޓްގެ ޓީމަކާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ޔޫނިއަންގެ އެކްސްޕޯގެ ޓީމުންވަނީ ބައްދަލުކޮށްފަ އެވެ.
މައުލޫމާތު ލިބޭގޮތުގައި މިހާރު ނިންމާފައިވަނީ މެޑިސިންގެ ފައުންޑޭޝަން ކިޔަވާފައިވާ ކުދިން ގައުމީ ޔުނިވާސިޓީގެ ބީއެސްއަށް ބަދަލުކޮށް ފައުންޑޭޝަންގެ ކޯސްތައް ހިންގި ތަނަށް މިހާރު ދަރުމަވަންތައިގައި ކިޔަވާ ކުދިން ބަދަލުކުރުމަށެވެ.
މިކަމާ ގުޅޭގޮތުން ގައުމީ ޔުނިވާސިޓީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މެޑިސިން ސްކޫލް ދަރުމަވަންތައަށް ބަދަލުކުރީ ވަގުތީގޮތުން ކަމަށާއި، ޔުނިވާސިޓީގެ މެއިން ކެމްޕަސްއަށް ބަދަލު ކުރިޔަސް ކިޔެވުމަށް އެއްވެސް ބުރޫއެއް ނާރާނެކަމަށެވެ.
އަދި މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުން ލިބޭ ތަޖުރިބާތައް ކުރިޔަށް ގެންދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.


