އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބުނާގޮތުން މެއިމަހު ފަހެއްގެ ކުރިން މަޖިލިސް އިންތިހާބަށް ދަމާފައިވާ ދިދަފަތިތަކާއި ކެމްޕެއިން ޕޯސްޓަރުތައް ނަގަން ޖެހޭނެއެވެ.
އެ ގާނޫނުގައި ބުނާގޮތުން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރާތާ ދިހަ ދުވަސްތެރޭ އިންތިހާބަށް މަގުތަކުގައި ދަމާ ދިދަފަތިތަކާއި މި ނޫނަސް އިންތިހާބަށް މަގުތަކުގައި ބަހައްޓާ ހުރިހާ އެއްޗެއް ނަގަންޖެހެއެވެ.
އިއްޔެ އިންތިހާބުގެ ދާއިމީ ނަތީޖާވަނީ އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައެވެ. އޭގެފަހުން ދިހަ ދުވަސްވާނީ އަންނަ މަހުގެ ފަސްވަނަ ދުވަހަށެވެ.
އިންތިހާބު ނިމުމާއެކު ބައެއް ކެނޑިޑޭޓުން ދަނީ މިހާރުވެސް ކެމްޕެއިންއަށް ދެމި ބެނާތަކާއި ކެމްޕެއިން ސާމާނުތައް މަގުތަކުން ނަގަމުންނެވެ. ނަމަވެސް ވަރަށް ގިނަ ކެނޑިޑޭޓުންގެ ބޮޑެތި ފޮޓޯތަކާ ކެމްޕެއިން ބެނާތައް ނުނަގާ އެބަހުއްޓެވެ.
ގަވާއިދު ބުނާ ގޮތުން އެ ތަކެތި އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރީން ނަގަން ޖެހެއެވެ. އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވަނީ އާންމު ގަވާއިދުގެ އެ މާއްދާ ހަނދާންކޮށްދީފައެވެ.
މާލެ ސިޓީކައުންސިލްގެ ބައި އިލެކްޝަންގައި ބަޔެއް ކެޑިޑޭޓުންގެ ކެމްޕެއިން ސާމާނު އަދިވެސް މަގުތަކުން ނަގާފައެއް ނުވެއެވެ.


