ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުގެ މަގާމަށް ކޮންގްރެސް ޕާޓީގެ އިދާރީގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ ޕީއެންސީ ސެނެޓަރ ގއ. ދެއްވަދޫ ޝަހީދު އިބްރާހިމް އައްޔަން ކޮށްފި އެވެ.
ޝަހީދަކީ ކޮންގްރެސް ޕާޓީގެ އުފެއްދުމުގެ މަސައްކަތްތަކުން ފެށިގެން އެޕާޓީގެ ހަރަކާތްތަކުގައި ކުރީސަފުގައި އުޅުއްވި އަދި އިދާރީގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާފައިވާ ބޭފުޅެކެވެ. އަދި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކޮންގްރެސްގެ ޕާޓީގެ ޗެއާޕާސަން އަދި ޕާޓީގެ މުއައްސިސް އަބްދުއްރަހީމް އަބްދުﷲ ގެ އަރިސް ބޭފުޅެކެވެ. ހަމައެހެންމެ އޭނާ އަކީ ކޮންގްރެސްގެ ގެމަނަފުށީ ދާއިރާގެ ރައީސް ވެސް މެއެވެ.
ވެމްކޯއަށް އިތުރު ޑީއެމްޑީއެއް އައްޔަންކޮށްފައިވާއިރު މީގެ ކުރިން އެ މަގާމަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އައްޔަންކޮށްފައެވެ. އޭނާ އެމަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ރައީސް މުއިއްޒުގެ ކެބިނެޓްގެ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) އަކީ ޝަހީދުގެ ދެބެންގެެ ދެދަރި ކޮއްކޮފުޅެކެވެ.


