ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ރައީސްގެ މަގާމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އިންތިހާބުކޮށްފި އެވެ.
ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައި މިރޭ 9:00 ގައި ބޭއްވުމަށް ނިންމި ޖަލްސާ އަށް ފުލުހުން ހުރަސް އެޅުމުން ޖަލްސާ ދެން ބޭއްވީ ރާޅުގަނޑު ސަރަހައްދުގަ އެވެ.
ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާގައި 329 މީހުން ވަނީ ބައިވެރިވެފައެވެ.
އެ ޖަލްސާގައި ވަނީ ޕީއެންއެފްގެ ރައީސްގެ މަގާމަށް ޒެއިން، ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މަލީހު ޖަމާލް، ވަގުތީ ހަޒާންދާރުގެ މަގާމަށް އަހުމަދު މުސްތަފާ އަދި ވަގުތީ ރަޖިސްޓްރާގެ މަގާމަށް އަލީ ޝިޔާން އިންތިހާބުކޮށްފަ އެވެ. އެ މަގާމުތަކަށް އެ ބޭފުޅުން އިންތިހާބުކުރީ ޖަލްސާގައި ބައިވެރިވި 329 މީހުންގެ އިއްތިފާގުންނެވެ.
މީގެ އިތުރުން ޕީއެންއެފް ވަގުތީ ގޮތުން ހިންގާ ކޮމިޓީއަށް ވަނީ ޔާމީން އިންތިހާބުކޮށްފަ އެވެ. އެ ކޮމިޓީގައި ޔާމީންގެ އިތުރުން، ޒެއިން، ޑރ. މުހައްމަދު ޖަމީލު އަހުމަދު، މަލީހުގެ އިތުރުން 17 މީހަކު ހިމެނިވަޑައިގަންނަވަ އެވެ.
ޖުމުލަ 20 މެމްބަރުން ހިމެނޭ އެ ކޮމިޓީއަށް އެ ބޭފުޅުން އިންތިހާބުވެވަޑައިގަތީ ޖަލްސާގެ ބައިވެރިންގެ އިއްތިފާގުންނެވެ.
ޕީއެންއެފް އުފެއްދާ ޖަލްސާ ނިމުމުން ޔާމީން ވަނީ އެ ސަރަހައްދަށް ވަޑައިގެން ސަޕޯޓަރުންނާ އީދު ސަލާމް ކުރައްވައިފަ އެވެ.


