ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދާ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވަން ހުއްދައަށް އެދިވަޑައިގެންފިއެވެ.
ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ މަތީގައި ހުންނެވި ކަމަށް އިއްޔެ ވިދާޅުވި ވާހަކަ ފާހަގަކުރައްވާފައެވެ. އަދި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވުމުގެ ހުއްދައަށް ގާނޫނީ ޓީމުން އެދިފައިވާ ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން ސަރުކާރުގެ ބަހާ އަމަލާ ދިމާވޭތޯ ބަލާނީ ރައްޔިތުންކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.
"ރައީސް ޔާމީން މިނިވަންކުރުމުގެ ވަޢުދުމަތީ ހުންނެވި ކަމަށް ރ.މުއިއްޒުވަނީ އިއްޔެ ވިދާޅުވެފަ. ރައީސް ޔާމީން ޕާޓީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ބައިވެރި ވުމުގެ ހުއްދައަށް އެދި ޤާނޫނީ ޓީމުގެ ފަރާތުން މިއަދު މިވަނީ އެދި ސިޓީ ފޮނުވާފަ. ބަހާ އަމަލާ ދިމާވޭތޯ ރައްޔިތުން ނިންމަވާނެ." – މަލީހު
ޕީއެންއެފް އުފެއްދުމަށް ބާއްވަންޖެހޭ ހާއްސަ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ރާއްޖެ24އަށް އެނގިފައިވާ ގޮތުގައި މި ޖަލްސާގައި ކުރީގެ ރައީސް ޔާމިން ބައިވެރިވުމުގެ ހުއްދަ ކަރެކްޝަންއިން އަދި ދީފައެއް ނުވެއެވެ.
އެމަނިކުފާނު އަދިވެސް ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.


