ކުށްކުރާ ކުޑަކުދިންނަށް 15 އަހަރުނުވާ ނަމަ އަދަބު ނުދެވޭ ގޮތަށް އޮތްއޮތުން އުވާލައި, ކުށަށް ޒިންމާވާންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ސަރުކާރުން ނިންމައިފި އެވެ.
އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ދައުރުވުމާ ގުޅިގެން ކަމާގުޅޭ ފަރާތްތަކުން މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުޑަކުދިން ކުރާ މައްސަލަތައް ހައްލުކުރަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖިނާއީ ކުށްތަކުގެ ޒިންމާ އުފުލަންޖެހޭ އުމުރު މަތިކޮށްފައި އޮތުމެވެ.
ދެހާސް ނަވާރަ ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ބުނާގޮތުން ކުޑަކުދިން ކުރާ ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހެނީ 15 އަހަރުގަ އެވެ. އޭގެކުރިން ރާއްޖޭގައި އޮތީ 10 އަހަރު ފުރިފައިވާނަމަ އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ކުށްތަކުގެ ޒިންމާ އުފުލަންޖެހޭ ގޮތަށް އަދި 13 އަހަރު ފުރުމަށްފަހު ހުރިހާ ކުށެއްގެ ޒިންމާ އުފުލަންޖެހޭ ގޮތަށެވެ.
އެހެންވެ، އެ ގާނޫނަށް ބަދަލު ގެނެސް، ޖިނާއީ ކުށްތަކަށް 12 އަހަރުގައި ޒިންމާ އުފުލަންޖެހޭ ގޮތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.
އިިހުސާން ވިދާޅުވީ ކުޑަކުދިން ކުރާ ކުށްތައް ހުއްޓުވުމަށް މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރަކީ 15 އަހަރުގެ ގޮތުގައި އޮތުން ކަމަށެވެ. ނަމަވެސް ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ 200 ވަރަކަށް ކުޑަކުދިން މިހާރު ތިބި ކަމަށާއި އޭގެ ތެރޭގައި 12، 13 އަދި 14 އަހަރުގެ ކުދިން ގިނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ވަގުތު ޖިނާއީ ކުށެއް ކުރިއަސް އެކަމަށް ޒިންމާ ނުކުރެވޭ. މި އުމުރު 12 އަހަރަށް ބަދަލުކުރަން މި ނިންމީ." އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުށްތަކަށް ޒިންމާވާންޖެހޭ އެންމެ ހަގު އުމުރުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12-14 އަހަރު ކަމަށެވެ.
އެ ވީޑިއޯއިން ފެންނަނީ މިސްކިތެއްގެ ފާހާނާގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ގޮށްމުށުންނާއި ކޮޅުފައިން ޖަހައި އަނިޔާކުރާ ތަނެވެ. އެ ކުއްޖާގެ ކޯމަތީގައި ވަރަށް ބާރަށް ޖެހުމުން ރޯން ވެސް ފަށަ އެވެ. އަދި ވަރަށް ހަޑިހުތުރުބަހުން އެ ކުއްޖާ ދިމާލަށް ދެން ތިބި ކުދިން އެއްޗެހި ކިޔަ އެވެ.
އޭގެ އިތުރުން، އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި ބޮލަށް އަޅާލުމާއި އަނިޔާނުކޮށް އެ ކުއްޖާ ދޫކޮށްލަން އެދި ކުޑަކަކޫ މައްޗަށް ތިރިވެ އެ ކުއްޖާ އާދޭސްކުރާ ތަން ވެސް ފެނެ އެވެ.
ފަހުން ފުލުހުން ހާމަކުރި ގޮތުގައި ތަރާވީސް ނަމާދު ކުރިއަށް ދަނިކޮށް އެ ކުއްޖާއަށް އަނިޔާކުރި ބަޔަކު ވަނީ ދެނެގަނެވިފަ އެވެ. އެއީ 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ.


