މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުއެއް ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ދުބައީގައި ކުރިއަށްދާ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް 28) ވަނަ ސަމިޓުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ވިލުންތެރިކަން އިތުރު ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 33 ޕަސެންޓަށް އިތުރުކުރައްވާނެ ކަމަށާއި އެ އަމާޒަށް ވާސިލުވުމަށް 600 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. މިހާރު މުޅި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު ހުރީ ހަތަރު ޕަސެންޓުގަ އެވެ. އެ އަދަދު އިތުރުކުރެވޭނީ ބޭރުގެ އެހީއާ އެކު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ކޮންމެ މުރަކައެއް، ވެލި ފުކެއް، މަހެއް އަދި ކޮންމެ ރުކަކީ ވެސް އަގުހުރި އެއްޗެއް ކަމަށާއި އެތަކެއްޗަށް ލިބޭ ކޮންމެ ގެއްލުމަކީ ރާއްޖޭގެ މުޅި އިގްތިސާދަށް ލިބޭ އުނިކަމެއް ކަމަށެވެ.
ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ބޭނުންވާ ކަންކަމަށް ފައިސާ ހޯދުމަށް ކުރިމަތިވާ އުނދަގޫތައް ހައްލު ކުރުމުގެ މުހިންމު ކަން ފާހަގަ ކުރައްވައިފަ އެވެ. މޫސުމީ ބަދަލުތަކުގެ އަސަރު ހަލުވިމިނެއްގައި ގައުމުތަކަށް ކުރަމުންދާއިރު އެކަންކަމުން އަރައިގަތުމަށް އެހީގެ ނިޒާމު މިހާރަށް ވުރެ ހަރުދަނާ ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.


