ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާއަށް ކުރެއްވުމަށް ހަމަޖެހުނު ދަތުރުފުޅު ފަސްކޮށްފިއެވެ.
ސައުދީގެ މީޑިއާތަކުން މިދިޔަ އަންގާރަ ދުވަހު ރިޕޯޓްކުރި ގޮތުގައި ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި މުއިއްޒު އިއްޔެ ސައުދީ އަށް ވަޑައިގަންނަވާނެ އެވެ. ނަމަވެސް މުއިއްޒު ފުރާވަޑައިގެންފައެއް ނުވެ އެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ސައުދީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަތުރުފުޅު މިހާރު ވަނީ ފަސްކުރެވިފައި ކަމަށެވެ. އެ ދަތުރުފުޅު ފަސްކުރި ވަކި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި އެ ދަތުރުފުޅުގެ ތެރޭގައި ވިޔަފާރި އެއްބަސްވުންތަކާއި ގުޅޭގޮތުން ސައުދީގެ ސަރުކާރާއި އެކު ރައީސް ޑރ. މުއިއްޒު މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ބެލެވޭ ގޮތުން މި ދަތުރު ވާނީ މި މަހުގެ 17 ގައި ވެރިކަމުގެ ހުވާކުރެއްވި ފަހުން، ރައީސް ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރަށެވެ. ސެޕްޓެމްބަރު މަހުގެ 30 ގައި ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން އަމިއްލަ ދަތުރުތަކެއްގައި މުއިއްޒު މިދިޔަ މަހު ދެ ގައުމަކަށް ވަޑައިގަތެވެ. އެއީ ސިންގަޕޫރާއި ޔޫއޭއީއަށެވެ.


