ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 09:00 އިން މެންދުރު ފަހު 03:00އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ވެސް ނެރެފައެވެ. މެޓް އޮފީހުން ބުނީ، އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 03 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި، ދެކުނު އަތޮޅުތަކުގައި ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައި ވެއެވެ.
މުޅި ރާއްޖެ މިއަދު ވައިޓް އެލާޓް ނެރުމުގެ ކުރިން ފަތިހު 4:00 އިން ހެނދުނު 9:00 އަށް ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް އަދި ގދ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވެސް މެޓުންވަނީ ވައިޓް އެލާޓް ނެރެފައެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ، ބ. ގޮއިދޫ، ގދ. ތިނަދޫ އަދި ގދ. ކާޑެއްދޫއަށެވެ.
ގޮއިދޫއަށް 69.1 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ. އަދި ތިނަދޫއަށް 78.1 މިލިމީޓަރުގެ ވާރޭ ވެހިފައި ވާއިރު، ކާޑެއްދޫއަށް ވެހިފައި ވަނީ، 54.7 މިލިމީޓަރުގެ ވާރޭއެވެ.


