ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އާ ސިޔާސީ ޕާޓީ އުފައްދަން އަންނަ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅުއްވާނެ ކަމަށް އެ މަނިކުފާނު ނެންގެވި ސްޓިއަރިން ކޮމެޓީގައި އިސްކޮށް ހުންނަވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
ޖަމީލު ރޭ "ޗެނަލް 13″އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕުން ރައީސް ޔާމީންއާ ދުރަށް ވަޑައިގެންފި ކަމަށާއި އެއްވެސް ކަމެއްގައި ރައީސް ޔާމީންއާ މަޝްވަރާ ނުކުރައްވާ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން އިސްވެ ހުންނަވައި ޕީޕީއެމް ހިންގަވަން އެ ބޭފުޅުން ބޭނުން ނުވާ ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ޕީޕީއެމްގެ ލީޑާޝިޕުގެ އެއްބާރުލުން ނެތް ކަމަށް ވިދާޅުވެ، ޕީޕީއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ޔާމީން ނިންމެވީ ރޭގެ ވަގުތެއްގައެވެ. ޔާމީންގެ ފަރާތްޕުޅުން އެކަން އިއުލާން ކުރެއްވީ އެ މަނިކުފާނުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.
ރައީސް ޔާމީން ޕީޕީއެމް ދޫކޮށް އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް މީގެ ދެ ދުވަސް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާއި ގުޅިގެން މިވަގުތު މަލީހް ވެސް ވަނީ ޕާޓީން ވަކިކޮށްފައެވެ.
މަލީހް އެންމެ ފަހުން ދެއްވާފައިވާ އަދާހަމައިގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން އަލަށް އުފައްދާ ޕާޓީގެ ނަން މިހާރު ފައިނަލް ކުރެވިފައިވާ ކަމަށެވެ.
އަދި މިއަދު އެ ޕާޓީ އުފެއްދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.


