މިސްކިތްތަކާ ބެހޭ މަޖިލިސް އަލުން އެކުލަވާލަން މި ސަރުކާރުން ނިންމައިފައިވާކަމަށާއި، އަލުން މަޖިލިސް އެކުލަވައިލެވުމުން އެ މަޖިލީހުގެ ޗެއާކަން ކުރައްވާނީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަތީފް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝެއިޙް މުހައްމަދު ލަތީފް އިސްލާމީ މަރުކަޒުގެ އިމާމަކަށް އައްޔަން ކުރެވުނީ މިނިސްޓަރ ފެންވަރުގައެވެ. އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ އެންމެ ފަހުން މިނިސްޓަރ ފެންވަރުގައި އިސްލާމީ މަރުކަޒުގެ އިމާމަކަށް ހުންނެވީ އަލްމަރުހޫމް އަހުމަދު ޝާތިރު ކަމަށެވެ. އޭގެ ފަހުން މިނިސްޓަރ ފެންވަރުގައި އެމަޤާމަށް އައްޔަން މިކުރެވުނީ ޝެއިޙް މުހައްމަދު ލަތީފް ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ކުރިންވެސް ޝެއިޙް ލަތީފް ހުންނެވީ އިސްލާމީ މަރުކަޒުގެ އިމާމުގެ ގޮތުގައެވެ. އެ މަޤާމުގެ ދަރަޖަ ޑެޕިއުޓީ މިނިސްޓަރ ފެންވަރަށް މަތިކޮށްފައިވަނީ ރައީސް ވަހީދުގެ ސަރުކާރުގައެވެ.
ޝެއިޙް ލަތީފް މިނިސްޓަރ ފެންވަރުގެ މަޤާމަށް އައްޔަން ކޮށްފައިވާއިރު، މިސްކިތްކާއި ބެހޭ ޤައުމީ މަޖިިލިސް ޗެއަރ ކުރައްވާނީ ޝެއިޙް ލަތީފްކަން މިނިސްޓަރ މިހާރު ވަނީ ހާމަކޮށްފައެވެ. މިމަޖިލިސް އަލުން އެކުލަވާލާއިރު، މި ސަރުކާރުން މިސްކިތްތަކަށް ދޭ އަހަމީއްޔަތުކަން ބޮޑުތަނުން އިތުރުކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގޮތުން ރާއްޖޭގައި 1000 ވަރަކަށް މިސްކިތް ހުރިއިރު، މި މަޖިލީހަކީ މިސްކިތްތަކުގެ އިމާމުންނަށް އިސްތިޝާރީ ލަފާ ދޭ މަޖިލީހެކެވެ.
ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތައް ކުރިއެރުވުމަށް އާ ސަރުކާރުން ޚާއްސަ ސިޔާސަތުތަކެއް ގެންގުޅޭނެކަމަށް ކެމްޕޭންގެ ތެރޭގައި ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.


