Tuesday, 28 July 2026

ދެވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ލިސްޓް އާންމުކޮށްފި

މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ރޭ ގެޒެޓުކުރި އިއުލާނެއްގައި ވަނީ ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އެ ދެ ސްކީމަށް ކުރިމަތިލި މީހުންގެ ލިސްޓު ހިމަނާފައެވެ.

އެ މިނިސްޓްރީން ބުނީ، ފޯމް ހުށަހަޅާފައިވާ މީހެއްގެ ނަން ލިސްޓުގައި ނެތް ކަމަށް އެކަމުގެ ޝަކުވާ މިމަހުގެ 30 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ހުށަހެޅޭނެ ކަމަށެވެ. ޝަކުވާ ހުށަހަޅާނީ ގެދޮރުވެރިން މަޝްރޫއަށް ޚާއްޞަކޮށްފައިވާ މެއިލްއަށެވެ.

މި ސްކީމްތަކުގެ ދަށުން ދެވަނަ ބުރަށް ފްލެޓާއި ގޯއްޗަށް 40،594 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލައްވާފައެވެ. ރޭ ސަރުކާރުން އިއުލާނު ކުރި ލިސްޓުގައި ގޯއްޗަށް އެދި 19،347 މީހުން އަދި ފްލެޓަށް 21،247 މީހަކު ވަނީ ކުރިމަތިލައްވާފައެވެ.

ފްލެޓަށް ކުރިމަތިލާ މީހުންނަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވާނެޖެހޭއިރު، ގޯއްޗަށް އެދި މާލޭގެ ރައްޔިތުންގެ އިތުރުން، މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ އަހަރުވެފައިވާ އެހެން ރަށްރަށުގެ މީހުންނަށްވެސް ކުރިމަތިލެވެ.

"ބިންވެެރިޔާ" ސްކީމުގައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ޝަރުތު ހަމަވާ 18،955 މީހަކު ހިމެނެ އެވެ. އަދި އެ އެންމެނަށް ގޯތި ލިބޭނޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ގޯތި ދޭން ނިންމާފައި ވަނީ ހުޅުމާލެ އާއި ގިރާވަރުފަޅު އަދި ގުޅީފަޅުންނެވެ.

ރޭ އާންމު ކުރި ލިސްޓަކީ ފްލެޓާއި ގޯތި ލިބޭ މީހުން ކަނޑައަޅައި، ޕޮއިންޓް ދީފައިވާ ލިސްޓެއް ނޫނެވެ. އެހެން ނަމަވެސް މި ސަރުކާރުގެ ދައުރު މިއަދު ނިމޭއިރު، ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ދައުރު ނިމުމުގެ ކުރިން ދެވަނަ ބުރުގައި ފްލެޓާއި ގޯތި ލިބޭ މީހުން އާންމު ކުރާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *