Monday, 26 October 2026

ޗައިނާ-އިންޑިޔާގެ ގަދަހިފުމުގެ ތެރޭގައި ފިތޭ ވަރަށް ވުރެ ރާއްޖެ މާ ކުޑަ – ޑރ. މުއިއްޒު

ދުނިޔޭގެ ގަދަ ބާރުތަކެއްގެ ގަދަހިފުމުގެ ތެރޭގައި ފިތޭ ވަރަށް ވުރެ ރާއްޖެ މާ ކުޑަކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި، އަންނަ މަހުގެ 17 ގައި ރާއްޖޭގެ ވެރިކަމާ އަލަށް ހަވާލުވެވަޑައިގަންނަވާ މުއިއްޒު ވިދާޅުވީ، ދުނިޔޭގެ ގަދަ ބާރުތަކެއްގެ ގަދަހިފުމުގެ ތެރޭގައި ފިތޭ ވަރަށް ވުރެ ރާއްޖެ މާ ކުޑަކަމަށާއި، އެކަމުގެ ތެރޭގައި ފިތުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށެވެ.

އިންޑިއާ އާއި ޗައިނާގެ ޒަމާންވީ މައްސަލައިގެ ތެރެއަށް ވަންނަން ބޭނުންފުޅުނުވާކަމަށް ވިދާޅުވެ ޑރ. މުއިއްޒު ވަނީ އިންޑިއާ އާއި ޗައިނާއާ ދެމެދު ހިމާލިއާ ބޯޑަރު ސަރަހައްދުގެ ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖެ ނުރައްކަލަކަށް ހުށަހެޅި ދާނެކަމެއްކަން ވެސް ފާހަގަކުރައްވާފަ އެވެ.

"އިންޑިޔާގެ ސަފީރާ ބައްދަލުކުރިން، އަޅުގަނޑު ވަރަށް ސާފުކޮށް އެމަނިކުފާނަށް ދެންނެވިން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދާން ޖެހޭނެ ކަމަށް،" އަންނަ މަހު 17 ވަނަ ދުވަހު މަގާމުގެ ހުވާ ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.

އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާމަތިންދާ ބޯޓުގެ އެއްބަސްވުމުގެ އިތުރުން، އިންޑިއާއާ އެކު، މި ސަރުކާރުން ސޮއިކޮށްފައިވާ އެހެން އެއްބަސްވުންތައް ވެސް ރަނގަޅަށް މުރާޖައާ ކުރަން ބޭނުންފުޅުވާ ކަމަށް އިންތިހާބީ ރައީސް ވިދާޅުވި އެވެ.

އެއީ މުއިއްޒު ވިދާޅުވި ގޮތުގައި އެ އެއްބަސްވުންތަކުގައި ވަރަށް ގިނަ ކަންކަން ރައްޔިތުންގެ މަޖިލީހަށް ވެސް ސިއްރު ކޮށްފައިވާތީ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *