އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މުނޫ މަހާވަރް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މިއަދު ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ތަރައްގީގެ ބައިވެރިކަމާއި ތަމްރީނު ޕްރޮގްރާމްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު އިރު، ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް ހާއްސަ އިސްކަމެއް ދިނުމަށް ވަނީ އެއްބަސްވެފައެވެ.
މިގޮތުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ "އޭކް ޕެޑް މާ ކޭ ނާމް" ކެމްޕޭނާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ "5 މިލިއަން ގަސް" އިންދުމުގެ ޕްރޮގްރާމްގެ ދަށުން، އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް 1000 ގަސް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.
މި ހަރަކާތަކީ ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ އަދި ތިމާވެށީގެ ދާއިރާއިން ދެ ގައުމުން ގެންގުޅޭ އެއްގޮތް ތަސައްވުރު ހާމަކޮށްދޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެ ފަރާތުންވެސް ފާހަގަކުރެއްވިއެވެ.


