ކަނޑުތައް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ބައިނަލްއަޤުވާމީ އޮނިގަނޑުތަކާއި ސަރަޙައްދީ އެއްބާރުލުން ނުހަނު ބޭނުންކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމުގައި ދިވެހިރާއްޖެއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މި ސަރަހައްދަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް ގައުމުތަކުގެ މެދުގައި ގުޅިގެން މަސައްކަތްކުރުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން، ކަނޑުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލާ ނިޒާމުތަކަކީ ހުރިހާ ގައުމެއްގެ، ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) ހާލަތާއި ބޭނުންތަކަށް ރިއާޔަތްކުރާ ނިޒާމުތަކަކަށް ވާންޖެހޭނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މަސްވެރިކަމުގެ މުހިންމު ނިންމުންތަކުގައި ކުދި ގައުމުތަކުގެ ހަމަހަމަ ހިއްސާ ކަށަވަރުކުރުމަށްޓަކައި، ޓެކްނޮލޮޖީއާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ވަޒީރު އިރުތިޝާމްގެ ވާހަކަފުޅު ނިންމަވާލެއްވީ، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ޖަމްޢިއްޔާތައް އެކުއެކީގައި މަސައްކަތްކުރުމަށް ބާރުއަޅުއްވަމުންނެވެ. އަދި މި އަމާޒަށް ވާސިލްވުމަށް ރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.


