ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ބޭރުގެ އިސް މަންދޫބުން ރާއްޖެ ވަޑައިގަންނަވަން ފަށްޓަވައިފިއެވެ. މިއަހަރުގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ރާއްޖެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިންޑިއާގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު، ޕްރަސާރު ބާރަތީގެ ސީއީއޯ ގޯރަވް ދިވެދީއާއި ބިމްސްޓެކްގެ ސެކްރެޓަރީ ޖެނެރަލް އިންދްރާ މަނީ ޕާންޑޭ ހިމެނިވަޑައިގަންނަވައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މި ބޭފުޅުންނަށް މަރުޙަބާ ދެންނެވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބާއި، އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭއައިބީޑީ)ގެ ސީއީއޯ ފިލޯމީނާ ގްނަޕްރަގަސަމެވެ. އޭއައިބީޑީއާ ގުޅިގެން ޕީއެސްއެމްއިން އިންތިޒާމްކުރާ މި ސަމިޓުގައި ސަރަޙައްދީ އެކި ޤައުމުތަކުން 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިމަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާ ރިސޯޓުގައި ކުރިއަށްދާ މި ސަމިޓުގެ މިއަހަރުގެ ޝިއާރަކީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް" އެވެ. ސަމިޓުގެ ރަސްމީ ބައްދަލުވުންތައް މިމަހުގެ 12 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިހާރު ވަނީ ޕްރީ ސަމިޓް ވޯކްޝޮޕްތައް ފަށާފައެވެ. މި ވޯކްޝޮޕްތައް ކުރިއަށްދަނީ މެންހެންޓަން ބިޒްނަސް ހޮޓެލް، ހުޅުލޭ އައިލެންޑް ހޮޓެލް އަދި ވިލާ ނޯޓިކާގައެވެ.
މި ސަމިޓަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބްރޯޑްކާސްޓިންގ ދާއިރާގެ އެންމެ އިސް މަސްއޫލްވެރިން އެއްތަންވެ، ޒިންމާދާރު އަދި ޒަމާނީ ބްރޯޑްކާސްޓިންގ ޚިދުމަތެއް ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށް، ދޭދޭ ޤައުމުތަކުގެ ގުޅުން ބަދަހިކުރުމަށް ބާއްވާ މުހިންމު ފޯރަމެކެވެ. ސަމިޓުގެ ޕްލިނަރީ ސެޝަންތައް މިމަހުގެ 13 އާ ހަމައަށް ކުރިއަށްދާނެއެވެ.
މި ސަމިޓް ނިންމާލުމުގެ ގޮތުން މިމަހުގެ 14 ވަނަ ދުވަހު ކުޑަގިރީގައި މުރަކަ އިންދުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މިއީ އޭޝިއާ ސަރަޙައްދުގެ ބްރޯޑްކާސްޓަރުންގެ މެދުގައި ބާއްވާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ.


