ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު ހަވީރު 17:30 ގެ ނިޔަލަށެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖެއަށް މިހާރު ވަނީ މިއަހަރުގެ ހުޅަނގު މޫސުން ފެށިފައެވެ. މެޓް އޮފީހުން ވިދާޅުވި ގޮތުގައި މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ހުޅަނގު މޫސުމުގެ އަސަރުތައް ވަނީ ރާއްޖެއަށް ފޯރަން ފަށާފައެވެ. އާންމުގޮތެއްގައި މެއި މަހުގެ ކުރީކޮޅު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނު ނަމަވެސް، މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް މި މޫސުމުގެ އަސަރު ފޯރާނެއެވެ.


