Tuesday, 28 July 2026
ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ކޯޓު އަމުރަކާ ޚިލާފުވި ކަމަށް ވިދާޅުވެ، ނޫސްވެރިއަކު ބައްދަލުވުމުން ނެރެފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން ބޭރަށް ނެރެފިއެވެ. ޝަހްޒާނަކީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ނައިބު ރައީސް ވެސް މެއެވެ.

މި ހާދިސާ ހިނގާފައި ވަނީ 'އަދަދު' ނޫހުން ރައީސްގެ މައްޗަށް ގަޒްފުގެ ތުހުމަތުވާ ގޮތަށް ތައްޔާރުކުރި ޑޮކިއުމަންޓަރީއެއްގައި ވާހަކަ ދެއްކި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ރައީސް ފޯނުން ގުޅުއްވި ކަމަށް ބުނެ، ޝަހްޒާން ސުވާލު ކުރުމާ ގުޅިގެންނެވެ.

ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މައްސަލައިގައި ކޯޓުން ނެރުނު އަމުރާ ނޫސްވެރިޔާ ހިލާފުވެފައިވާ ކަމަށެވެ. އަދި އެފަދަ ނޫސްވެރިޔަކަށް ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ނުހުންނެވޭނެ ކަމަށް ރައީސް ކަނޑައެޅުއްވި އެވެ.

ރައީސްގެ އެ ނިންމެވުމާ އެކު، ރައީސް އޮފީހުގެ ސެކިއުރިޓީން ވަނީ ޝަހްޒާން އެ ބައްދަލުވުން އޮތް މާލަމުން ނެރެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، 'އަދަދު' ނޫހުން އާންމުކުރި އެ ޑޮކިއުމަންޓްރީއާ ގުޅިގެން އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދާއި ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *