އަންނަ ޖޫން މަހުން ފެށިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ސިލްސިލާ ދަތުރުފުޅުތައް އަލުން ފައްޓަވައި، ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމުގެ ދެވަނަ ބުރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ހަފުތާއަކު އެއްދުވަހު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސިލްސިލާގެ ދަށުން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރެއްވުމަށް ވެސް ވަނީ ނިންމަވާފައެވެ. ރައީސް ވިދާޅުވީ އެއްވެސް ކަހަލަ ދަތުރެއް ނުވަތަ ވަގުތު ނޯންނަ ކަހަލަ ކަމެއް ދިމާނުވާ ހިނދެއްގައި ހަފުތާއަކު އެއް ދުވަހު ބައްދަލުވުންތައް ބާއްވާނަން ކަމަށާއި، މަސްވެރިކަމާއި ފަތުރުވެރިކަން ފަދަ ސެކްޓޯރަލް ބައްދަލުވުންތައް ވެސް ކުރިއަށްދާނެ ކަމަށެވެ.
ވެރިކަމުގެ ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް ހުރިހާ ރަށަކަށް އެއްބުރު ވަޑައިގެންފައިވާއިރު، ބައެއް ރަށްރަށަށް ދެވަނަ ފަހަރަށް ވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ. ކުރިއަށް އޮތް ދަތުރުތަކުގައި ބައެއް ރަށްރަށަށް ދެ ބުރަށް ވުރެ ގިނައިން ވެސް ވަޑައިގެންނެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަކީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ނިންމުމަށް ލިބޭ ވަރަށް ބޮޑު ޔަގީންކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ ސީދާ ރައީސާ ހަމައަށް ނައިސް ހުންނަ ކަންކަން ދެނެގަނެ، ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


