Tuesday, 28 July 2026
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އޭޑީއެޗްޑީއަށް ބޭނުންވާ މުހިއްމު ބޭހެއް ރާއްޖެ އެތެރެކުރުމުގެ ހުއްދަ މަޖިލީހުން ދީފި

އެޓެންޝަން-ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ ނުވަތަ އެޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ ބޭހެއް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މަޖިލީހުން މިގޮތަށް ނިންމާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު 1 އަށް އިސްލާހު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި މައްސަލަ ދިރާސާކުރުމަށްފަހުއެވެ.

މި މައްސަލަ ދިރާސާކުރި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން އެ ބޭސް އެތެރެކުރުމަށް ރުހުން ދިނުމަށް ނިންމުމާ ގުޅިގެން، މަޖިލީހުގެ ތަޅުމުން މިކަން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. މި ނިންމުމާއެކު، މީގެކުރިން ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ލިސްޓުގައި ހިމެނޭ "މެތަލްފެނެޑޭޓް" އެ ބޭސް މަނާ ތަކެތީގެ ލިސްޓުން އުނިކުރެވިގެންދާނެއެވެ.

މެތަލްފެނެޑޭޓަކީ އޭޑީއެޗްޑީ ހުންނަ ކުދިންގެ ފަރުވާގައި ބޭނުންކުރާ އެންމެ މުހިއްމު އެއް ބޭހެވެ. ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލާއި ވަޒީރުންގެ މަޖިލީހުންވެސް ވަނީ މި ބޭހަކީ އެ ކުދިންގެ ހާލަތު ރަނގަޅުކުރުމަށް ކޮންމެހެން ބޭނުންވާ ބޭހެއްކަމަށް ލަފާދެއްވާފައެވެ. މި ބޭސް ރާއްޖެ އެތެރެކުރަން ހުއްދަ ދިނުމަކީ އެފަދަ ކުދިންނާއި އާއިލާތަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.

އޭޑީއެޗްޑީއަކީ ކުޑަކުދިންގެ މެދުގައި އާންމުކޮށް ފެންނަ ހެދިބޮޑުވުމުގެ ހާލަތަކަށްވާއިރު، އެކަށީގެންވާ ބޭހާއި ތެރަޕީގެ އެހީގައި އެކަމުގެ އަލާމާތްތައް ބޮޑުތަނުން ކުޑަކުރެވޭނެކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ. މި ބޭސް އެތެރެކުރުމުގެ ހުއްދަ ލިބުމުން، ރާއްޖޭގައި ތިބި އޭޑީއެޗްޑީ ކުދިންނަށް ބޭނުންވާ ފަސްޓްލައިން ޓްރީޓްމަންޓް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *