ރައީސް މުއިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުން އިންޑިއާއިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނު މީގެ ކުރިން އައީ އެކި ފަހަރުމަތިން ރޯލްއޯވާ ކުރަމުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިދިޔަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އޭގެ ތެރެއިން 50 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބާކީ އޮތް 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިއަދު ހެނދުނު ދައްކާފައިވާ އިރު، ރައީސް ވިދާޅުވީ މިހާރު ބާކީ އިން 50 މިލިއަން ޑޮލަރު އަންނަ ސެޕްޓެމްބަރު މަހުގެ 17 ގައި ދައްކައި ހަލާސްކުރާނެ ކަމަށެވެ.
މީގެ އިތުރުން، ދަރަނި ދެއްކުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން ވޭތުވެދިޔަ 40 ދުވަސް ތެރޭގައި އެކަނިވެސް 974 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ.


