ބ. އޭދަފުށީ ކައުންސިލުން އިސްނަގައިގެން އެމްޓީސީސީއާ ޙަވާލުކޮށްގެން އެރަށުގައި ތަރައްޤީކުރި ”ވެށި ފަންނު“ގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފިއެވެ. މި ސަރަހައްދަކީ މޫދަށް އެރޭ ސަރަހައްދަކާއި ހިތްފަސޭހަ މައިޒާނަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ.
ވެށި ފަންނު ރަސްމީކޮށް ހުޅުވައިދެއްވީ، މިކަމަށްޓަކައި އިއްޔެ އޭދަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމާއި، އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުގެ އިތުރުން އޭދަފުށީ ކައުންސިލުގެ ރައީސް މުޙައްމަދު ފާތިހުއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިހު ވިދާޅުވީ، މި މަޝްރޫޢަށް ގާތްގަނޑަކަށް 5 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ. ފާތިހު ފާހަގަކުރެއްވި ގޮތުގައި 2014 ވަނަ އަހަރު އެރަށުގެ ބިން ހިއްކިފަހުން މޫދަށް އެރުމަށް އެކަށީގެންވާ ރަނގަޅު ސަރަހައްދެއް އެރަށުގައި ނެތުމުގެ ޝަކުވާ ރައްޔިތުންނާއި އިސް ރަށްވެހިން ކުރަމުންދިޔަ ކަމަށެވެ.
"މީގެ ކުރީގެ ކައުންސިލްތަކުންވެސް އޮތީ، ލޭންޑް ޔޫސް ޕްލޭންގައި މިކަން ހިމަނާފައި. މޫދަށް އެރޭނެ ސަރަހައްދެއް ހަދައިދިނުމަށް. 2014 ވަނަ އަހަރު ރަށުގެ ހިއްކި ސަރަހައްދު ހިއްކިފަހުން ނޮވޭ މޫދަށް އެރިލާނެ ތަންކޮޅެއް،" ފާތިހު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ފަތާ ސަރަހައްދު ތަރައްޤީ ކުރުމަށް 15,914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށްފައިވެއެވެ. އަދި 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖަހައި، 60 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމުގެ އިތުރުން 70 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ވަނީ ޖަހާފައެވެ.
މި ސަރަހައްދު ހުޅުވުމާއެކު އޭދަފުށީގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރި އުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ކައުންސިލުން ބުނި ގޮތުގައި މިހާރުވެސް ގިނަ އަދަދެއްގެ ރައްޔިތުން އެ ސަރަހައްދު ބޭނުންކުރަން ވަނީ ފަށާފައެވެ.


