މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ ފައިސާ ލޯންޑަރ ކުރި މައްސަލައެއްގައި ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައަކީ 150,000 (އެއްލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރުގެ މައްސަލައެކެވެ. އޭސީސީން ވިދާޅުވި ގޮތުގައި، 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް، ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް ކުންފުންޏަށް ޖަމާކުރި ފައިސާއިން، 13 ޖުލައި 2015 ގައި ޕޮޕިއުލަރ މޯލްޑިވްސްގެ އެކައުންޓަށް މި ފައިސާ ޖަމާކޮށްފައިވެއެވެ.
އޭސީސީގެ ތަހުޤީޤަށް ހާމަވެފައިވާ ގޮތުގައި، މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވެއެވެ. އަދި ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްޤުތައް ސިއްރުކުރުމަށާއި، ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާކަން ވެސް ތަޙުޤީޤަށް ވަނީ ހޯދިފައެވެ.
މި މައްސަލައިގެ ތެރޭގައި ހިމެނޭ ތ. އޮޅުގިރި ކުއްޔަށް ދިނުމާ ގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި، 36 މަސްދުވަހުގެ ތެރޭގައި އެ ރަށުގައި ރިޒޯޓެއް ތަރައްޤީ ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެ މުއްދަތުގައި ރަށް ތަރައްޤީކޮށްފައި ނުވާތީއާއި، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާތީ، އޮޅުގިރި ދައުލަތަށް އަނބުރާ ނެގުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް ފޮނުވުމަށް އޭސީސީން ވަނީ ނިންމާފައެވެ.
މި މައްސަލާގައި ޕޮޕިއުލަރ މޯލްޑިވްސްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދިފައިވަނީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުންނެވެ. މީގެ އިތުރުން، ޚިޔާނާތްތެރިވި 150,000 ޑޮލަރު އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.
އޭސީސީން އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރްސީއާ ގުޅޭ އިތުރު ސީރިއަސް މައްސަލަތަކެއްގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު މިހާރުވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.


