އިންޓަޕޯލުން ފުރަތަމަ ފަހަރަށް ބޭއްވި ބައިނަލްއަޤުވާމީ ލީޑަރޝިޕް ޕްރޮގްރާމް ކަމަށްވާ އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް (އައި.އީ.އެލް.ޕީ) ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ސަޢީދު ފުރިހަމަކުރައްވައިފިއެވެ. މިއީ ތަންފީޛީ އިދާރާތަކުގެ އިސް އޮފިޝަލުންގެ އިސްތިރާޖީ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކޮށް، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ފަރުމާކޮށްފައިވާ 7 މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ދުނިޔޭގެ 20 ޤައުމަކުން 24 ސީނިއަރ އޮފިސަރުން ބައިވެރިވިއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ އަދި ފަހު ފިޔަވަހި ސިންގަޕޫރުގައި ކުރިއަށް ގެންދިޔައިރު، ދެވަނަ ފިޔަވަހި ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. ބައިވެރިން ވަނީ ބައިނަލްއަޤުވާމީ ފުލުހުންގެ ލީޑަރޝިޕާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަން އަދި ޕޮލިސިންގ ޑިޕްލޮމަސީ ފަދަ މުހިންމު ދާއިރާތަކުން ކެޕްސްޓޯން ޕްރޮޖެކްޓެއް ފުރިހަމަކޮށްފައެވެ.
މީގެ އިތުރުން، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އިންތިޒާމުކޮށްގެން މި މަހުގެ 7 އިން 8 އަށް ބޭއްވި ބައްދަލުވުމެއްގައިވެސް ދިވެހި ފުލުހުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ބައިވެރިވީ އިންސްޕެކްޓަ އޮފް ޕޮލިސް ޝުޢައިބް ޢަބްދުއްރަޙްމާނެވެ. މިއީ ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުން ނުވަތަ ސްމަގްލް ކުރުން ހުއްޓުވުމަށް ބޭއްވި މުހިއްމު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ މީހުން ސްމަގްލްކުރާ މިންވަރާއި އެކަން ހިނގާ ގޮތްތަކުގެ އިތުރުން، އެފަދަ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުމުގައި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުންނެވެ. އަދި ރާވައިގެން ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒްކުރާ އިދާރާތަކާއި، އިމިގްރޭޝަން، ކަސްޓަމްސް އަދި ޕްރޮސިކިއުޓަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ބައިވެރިން ފާހަގަކުރެއްވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މިފަދަ ބައިނަލްއަޤުވާމީ ޕްރޮގްރާމްތަކާއި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ މުއައްސަސާގެ ޤާބިލުކަން އިތުރުކުރުމާއި، ބައިނަލްއަޤުވާމީ ފަންނީ ގުޅުންތައް ބަދަހިކޮށް ޒަމާނީ ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. މިގޮތުން އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމާއި ޑިޖިޓަލް ހެކި ބެލެހެއްޓުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް އިސްކަންދޭނެ ކަމަށް އެ ހިދުމަތުން ބުނެފައިވެއެވެ.


